ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ ޚަރަދުކޮށް، މުސާރަދޭނެ ގޮތުގެ ވަކި އުސޫލެއް ނޯންނަކަމަށް އެފްއޭއެމުގެ ފައިނޭންޝަލް ހެޑް ގއ. ގެމަނަފުށީ ފެހިކުރި މުހައްމަދު އަގީލް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުންނެވެ.
އޭނާ ކިޔާދިން ގޮތުގައި އޭނާ ވަނީ ބައްސާމްގެ ހިއްސާ އޮންނަ ގްލޭސިއަރ ކުންފުނީގައި ޓެކުހާ ގުޅޭ މަސައްކަތްތަކެއްވެސް ކޮށްފައެވެ. އެ މަސައްކަތްތަކަށް މުސާރަވެސް ލިބިފައިވާކަމަށް އޭނާ ކިޔާދިނެވެ. އެ މަސައްކަތް އޭރު ކޮށްދެމުން ދިޔައީ ބައްސާމްގެ އެދުމުގެ މަތިންކަމަށްވެސް އޭނާ ކިޔާދިނެވެ.
މީގެ އިތުރުން، އެފްއޭއެމްއާ ގުޅޭ ފައިސާ ޚަރަދުކޮށް އެ ކަންކަމުގައި އަމަލުކުރާނެ ވަކި އުސޫލެއްވެސް، ޑޮލަރު މާރު ކުރުމާ ގުޅޭ އުސޫލެއް އަދި މުސާރަ ދިނުމާ ގުޅޭ ވަކި އުސޫލެއްވެސް ނޯންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ބައެއް ފަހަރު އެފްއޭއެމްގެ މުވައްޒަފުންނަށްވެސް ޑޮލަރުން މުސާރަ ދީފައި ހުންނާނެ ކަމަށާއި، އެލަވަންސްގެ ގޮތުގައިވެސް ޑޮލަރުން ފައިސާ ދީފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފައިސާ ޖަމާވާ ”ޕޭއީ“ ގެ ނަން ނުޖަހައި ޗެކެއް ލިބިފައިވާކަމުގެ ހަނދާނެއް މިހާރު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ، އޭނާއަށް ނޭނގިވެސް އެކައުންޓްސް ޑިޕާޓްމަންޓުން ފައިސާ ދޫކޮށްފައި ހުރެދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ އެ ޑިޕާޓްމަންޓުގެ ހެޑްކަމަށްވާތީ ދައުލަތުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ.
ދައުލަތުން ވަނީ މި މައްސަލައާ ގުޅުންހުރި 10,000 ޑޮލަރާ ގުޅޭ މުއާމަލާތާ ގުޅޭގޮތުންވެސް ހެކިވެރިޔާއާ ސުވާލުތައް އަމާޒުކޮށްފައެވެ. އެގޮތުން ”ސޭލްސް އޮފް ޑޮލަރ“ ލިޔެފައިވާ ލިއުމެއް ބޭންކަށް ހުށަހަޅާނަމަ ބޭންކަށް ފެންނާނީ އެއީ ޑޮލަރު މާރު ކުރުމާ ގުޅޭ މުއާމަލާތެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ބޭންކަށް ހުށަހަޅާ މުވައްޒަފަށް އޮޅިގެން އެހެން ލިޔެވިފައި އޮތުންވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބައްސާމްއަށް އެފްއޭއެމްއިން 3000 ޑޮލަރުގެ އެލަވަންސް ލިބޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އާންމުކޮށް އެ އެލަވަންސް ދެނީ ޗެކް މެދުވެރިކޮށް ޑޮލަރުން ކަމަށެވެ. އެގޮތަށް އެލަވަންސް ދެނީ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު އެ އެލަވަންސް ލިބުން ލަސްވެގެން ބައްސާމް ސުވާލު ކުރައްވާކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ.
އެހެންނަމަވެސް ބައްސާމްއަށް އެލަވަންސްއެއް ދިނުމަށްޓަކައި ”ސޭލްސް އޮފް ޑޮލަރ“ ލިޔެފައިވާ ލިއުމެއް ބޭންކަށް ހުށަހަޅާނަމަ ބޭންކަށް ފެންނާނީ އެއީ ޑޮލަރު މާރު ކުރުމާ ގުޅޭ މުއާމަލާތެއްގެ ގޮތުގައި ނޫންތޯ ދައުލަތުން ވަނީ ސުވާލު އުފައްދަވާފައެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ، ބޭންކިންގ ނިޒާމުގެ ތެރެއަށް އެ ފައިސާ ވަންނާނީ ކޮން އެއްޗެއްގެ ގޮތުގައިތޯ އޭނާއަށް މުޅިން ސާފެއް ނޫން ކަމަށެވެ. ނަމަވެސް ގަސްތުގައި އެފަދަ ގޮތަކަށް ލިޔެފައި އެފްއޭއެމްއިން ނުފޮނުވާނެ ކަމަށާއި، އެއީ ”ހިއުމަން އެރަރ“ އަކަށްވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، މި މައްސަލައިގައި ސުވާލު ކުރެވޭ 10،000 ޑޮލަރާ ގުޅޭ އާރްޓީޖީއެސްގެ ކަންކަން ހަނދާނުގައިވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފައިނޭންސް ޑިޕާޓްމަންޓަށް ނޭނގި މުއާމަލާތެއް ހިނގާފައި އޮވެގެން ނުވާނެކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ ބޭނުންކޮށް އަމީން އެވެނިއުއިން އެޕާޓްމަންޓެއް (ޕެންޓް ހައުސް) ގަނެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާކުރަން ފޮނުވި އިތުރު ދެ މީހުންގެ ތެރޭގައި އެފްއޭއެމުގެ ވަޒީފާގައި ހުރި މ. ހިރިނައިދޫ ހަސަން ވަހީދު (ދޮނާ) އާއި އެފްއޭއެމުގެ ފައިނޭންޝަލް ހެޑް ގއ. ގެމަނަފުށީ ފެހިކުރި މުހައްމަދު އަގީލްވެސް ހިމެނެއެވެ.
ފުލުހުން ބުނީ ބައްސާމް ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އެފްއޭއެމުގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށެވެ. މި ދެ އެޕާޓްމަންޓް ގަނެފައިވަނީ ކޮވިޑްގެ ތެރޭގައި ފުޓްބޯޅަ ކުލަބުތަކަށް އެހީވުމަށް 2021 ވަނަ އަހަރު ފީފާއިން ނެގި ލޯނެއްގެ ފައިސާއިންކަމަށް ފުލުހުން ބުނެއެވެ.

