ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
ފުރަތަމަ ހެކިވެރިޔާ:
ބުދަ ދުވަހުގެ މި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ އެންމެ ފުރަތަމަ އަލީ މޫސާ ވަނީ ހެކިބަސް ދެއްވާފައެވެ.
އޭނާއަކީ އެފްއޭއެމްގައި އެކައުންޓް އޮފިސަރެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރެއްވި ފަރާތެކެވެ. އޭނާ ވަނީ އެފްއޭއެމްގެ ޕޭމަންޓުތައް ހެދުމާއި، ޗެކް ޖަމާކުރުން ފަދަ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ.
އޭނާ ވިދާޅުވީ، އޭރު އެކައުންޓްސް ޑިޕާޓްމަންޓުގައި އޭނާއާއެކު އިތުރު 3 މުވައްޒަފަކު މަސައްކަތްކުރަމުން ދިޔަ ކަމަށާއި، އޭނާގެ މަސައްކަތްތައް ރިޕޯޓު ކުރަމުންދިޔައީ މުޙައްމަދު އަޤީލްއަށް ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާ ގުޅޭ ކަންކަން ކުރިއަށް ގެންދަވަނީ އަޤީލްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ، ސެލެރީ ޝީޓް ހަދައި މުސާރަ ކޮންމެ މަހެއްގައިވެސް ދޫކުރާ ކަމަށާއި، ސެލެރީ ޝީޓްގައި ނުހިމެނޭ މުވައްޒަފެއް ނަމަ ދޭން ޖެހޭ ފައިސާ ޕޭމަންޓް ވައުޗަރ މެދުވެރިކޮށް ލިއެކިއުންތަކުން އެނގޭގޮތަށް ދޫކުރާކަމަށެވެ.
އޭނާ ވިދާޅުވީ، އެފްއޭއެމްގެ ފައިސާ ލޯނުގެ ގޮތުގައި މުވައްޒަފުންނަށް ފަހުން ނެގޭގޮތަށް އިންތިޒާމެއް ހަމަޖެހިފައި އޮންނަ ކަމުގެ މައުލޫމާތު ފަހުން އޮފީސް ތެރެއިން އިވުނު ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ އުސޫލެއް ނުވަތަ ލިއެކިއުމެއްވެސް ފެނިފައިނުވާ ކަމަށެވެ.
މީގެ އިތުރުން، އަޤީލް ނުހުންނަ ޙާލަތްތަކުގައި ބައެއް ފަހަރު ބައްސާމްގެ ފަރާތުންވެސް އެކި ކަންކަމުގައި އިރުޝާދުތައް ލިބޭކަމަށް ބައްސާމް ވިދާޅުވިއެވެ.
މި މައްސަލައިގައި ސުވާލު އުފެދިފައިވާ މުއާމަލާތާ ގުޅޭގޮތުން ދިފާއުންވެސް ވަނީ ހެކިވެރިޔާއާ ސުވާލުކޮށްފައެވެ. އެހެންކަމުން އެފްއޭއެމް މެދުވެރިކޮށް ޗެކް މެދުވެރިކޮށް ލިބޭ ފައިސާ ޖަމާކުރުމާ ގުޅޭ ކަންކަން ކުރިއަށްދާ ގޮތާއި، ބޭރުގެ އެހީގެ ފައިސާގެ ކަންކަން ކުރިއަށްދާގޮތްވެސް އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.
ކޮންމެ ޗެކެއް ދޫކުރާއިރުވެސް އެ ޗެކާ ގުޅޭ ޕޭމަންޓް ވައުޗަރ ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ޗެކްގައި ސޮއި ކުރައްވާ މީހަކަށް އެ ޗެކްގައި ލިއެފައިވާ އެއްޗެއްވެސް އަދި އެ ޕޭމަންޓާ ގުޅޭ ތަފްސީލުވެސް އެނގޭނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި އެފްއޭއެމްގައި ހޭދަވި މުއްދަތުގައި ޤާނޫނާ ޚިލާފު ކަމެއް ކުރުމަށް ބައްސާމްގެ ފަރާތުން އިރުޝާދެއް އައިސްފައިނުވާކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ.
ދެވަނަ ހެކިވެރިޔާ:
ދެވަނައަށް ހާޒިރުވި ހެކިވެރިޔާއަކީ އައިޝަތު ވަފްދާއެވެ. އޭނާއަކީ 2019 އިން ފެށިގެން އެފްއޭއެމްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެކެވެ. އޭނާއަކީ އެފްއޭއެމްގެ އެކައުންޓް އޮފިސަރެކެވެ.
އޭނާ ވިދާޅުވީ، އެފްއޭއެމްގައި މުސާރަ ދެނީ ދިވެހި ރުފިޔާއިން ކަމަށާއި، ޑޮލަރުން މުސާރަ ދެނީ ހަމައެކަނި ބޭރުގެ ކޯޗުންނަށް ކަމަށެވެ.
ބައެއްފަހަރު ޗެކް ޖަމާކުރަނީ ކާކަށްކަން ނޭނގޭގޮތަށްވެސް ޗެކް ހަދަން ޖެހޭ ކަމަށާއި، އެގޮތަށް އެކަން ކުރަނީ އަޤީލްގެ އިރުޝާދުގެ ދަށުންކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި އެގޮތަށް ތައްޔާރުކުރާ ޗެކްތަކާ ގުޅޭ ޕޭމަންޓް ވައުޗަރތައް ފަހުން ފައިލް ކުރަންވެސް ނުލިބޭކަމަށް އޭނާ ކިޔާދިނެވެ. އެހެންކަމުން އެ ޗެކް ޖަމާވީ ކާކަށްކަން ނޭނގޭކަމަށް ހެކިވެރިޔާ ކިޔާދިނެވެ.
އެފްއޭއެމްގެ ޗެކްތަކުގައި ސޮއިކުރުމުގެ ބާރު އޮންނަނީ ބައްސާމްގެ އިތުރުން އިތުރު ދެމީހަކަށްކަމަށްވެސް ހެކިވެރިޔާ ކިޔާދިނެވެ.
ތިންވަނަ ހެކިވެރިޔާ:
އޭނާ ކިޔާދިން ގޮތުގައި އޭނާ ވަނީ ބައްސާމްގެ ހިއްސާ އޮންނަ ގްލޭސިއަރ ކުންފުނީގައި ޓެކުހާ ގުޅޭ މަސައްކަތްތަކެއްވެސް ކޮށްފައެވެ. އެ މަސައްކަތްތަކަށް މުސާރަވެސް ލިބިފައިވާކަމަށް އޭނާ ކިޔާދިނެވެ. އެ މަސައްކަތް އޭރު ކޮށްދެމުން ދިޔައީ ބައްސާމްގެ އެދުމުގެ މަތިންކަމަށްވެސް އޭނާ ކިޔާދިނެވެ.
މީގެ އިތުރުން، އެފްއޭއެމްއާ ގުޅޭ ފައިސާ ޚަރަދުކޮށް އެ ކަންކަމުގައި އަމަލުކުރާނެ ވަކި އުސޫލެއްވެސް، ޑޮލަރު މާރު ކުރުމާ ގުޅޭ އުސޫލެއް އަދި މުސާރަ ދިނުމާ ގުޅޭ ވަކި އުސޫލެއްވެސް ނޯންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ބައެއް ފަހަރު އެފްއޭއެމްގެ މުވައްޒަފުންނަށްވެސް ޑޮލަރުން މުސާރަ ދީފައި ހުންނާނެ ކަމަށާއި، އެލަވަންސްގެ ގޮތުގައިވެސް ޑޮލަރުން ފައިސާ ދީފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފައިސާ ޖަމާވާ ”ޕޭއީ“ ގެ ނަން ނުޖަހައި ޗެކެއް ލިބިފައިވާކަމުގެ ހަނދާނެއް މިހާރު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ، އޭނާއަށް ނޭނގިވެސް އެކައުންޓްސް ޑިޕާޓްމަންޓުން ފައިސާ ދޫކޮށްފައި ހުރެދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ އެ ޑިޕާޓްމަންޓުގެ ހެޑްކަމަށްވާތީ ދައުލަތުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ.
ދައުލަތުން ވަނީ މި މައްސަލައާ ގުޅުންހުރި 10,000 ޑޮލަރާ ގުޅޭ މުއާމަލާތާ ގުޅޭގޮތުންވެސް ހެކިވެރިޔާއާ ސުވާލުތައް އަމާޒުކޮށްފައެވެ. އެގޮތުން ”ސޭލްސް އޮފް ޑޮލަރ“ ލިޔެފައިވާ ލިއުމެއް ބޭންކަށް ހުށަހަޅާނަމަ ބޭންކަށް ފެންނާނީ އެއީ ޑޮލަރު މާރު ކުރުމާ ގުޅޭ މުއާމަލާތެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ބޭންކަށް ހުށަހަޅާ މުވައްޒަފަށް އޮޅިގެން އެހެން ލިޔެވިފައި އޮތުންވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބައްސާމްއަށް އެފްއޭއެމްއިން 3000 ޑޮލަރުގެ އެލަވަންސް ލިބޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އާންމުކޮށް އެ އެލަވަންސް ދެނީ ޗެކް މެދުވެރިކޮށް ޑޮލަރުން ކަމަށެވެ. އެގޮތަށް އެލަވަންސް ދެނީ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު އެ އެލަވަންސް ލިބުން ލަސްވެގެން ބައްސާމް ސުވާލު ކުރައްވާކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ.
އެހެންނަމަވެސް ބައްސާމްއަށް އެލަވަންސްއެއް ދިނުމަށްޓަކައި ”ސޭލްސް އޮފް ޑޮލަރ“ ލިޔެފައިވާ ލިއުމެއް ބޭންކަށް ހުށަހަޅާނަމަ ބޭންކަށް ފެންނާނީ އެއީ ޑޮލަރު މާރު ކުރުމާ ގުޅޭ މުއާމަލާތެއްގެ ގޮތުގައި ނޫންތޯ ދައުލަތުން ވަނީ ސުވާލު އުފައްދަވާފައެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ، ބޭންކިންގ ނިޒާމުގެ ތެރެއަށް އެ ފައިސާ ވަންނާނީ ކޮން އެއްޗެއްގެ ގޮތުގައިތޯ އޭނާއަށް މުޅިން ސާފެއް ނޫން ކަމަށެވެ. ނަމަވެސް ގަސްތުގައި އެފަދަ ގޮތަކަށް ލިޔެފައި އެފްއޭއެމްއިން ނުފޮނުވާނެ ކަމަށާއި، އެއީ ”ހިއުމަން އެރަރ“ އަކަށްވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، މި މައްސަލައިގައި ސުވާލު ކުރެވޭ 10،000 ޑޮލަރާ ގުޅޭ އާރްޓީޖީއެސްގެ ކަންކަން ހަނދާނުގައިވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފައިނޭންސް ޑިޕާޓްމަންޓަށް ނޭނގި މުއާމަލާތެއް ހިނގާފައި އޮވެގެން ނުވާނެކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ ބޭނުންކޮށް އަމީން އެވެނިއުއިން އެޕާޓްމަންޓެއް (ޕެންޓް ހައުސް) ގަނެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާކުރަން ފޮނުވި އިތުރު ދެ މީހުންގެ ތެރޭގައި އެފްއޭއެމުގެ ވަޒީފާގައި ހުރި މ. ހިރިނައިދޫ ހަސަން ވަހީދު (ދޮނާ) އާއި އެފްއޭއެމުގެ ފައިނޭންޝަލް ހެޑް ގއ. ގެމަނަފުށީ ފެހިކުރި މުހައްމަދު އަގީލްވެސް ހިމެނެއެވެ.
ފުލުހުން ބުނީ ބައްސާމް ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އެފްއޭއެމުގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށެވެ. މި ދެ އެޕާޓްމަންޓް ގަނެފައިވަނީ ކޮވިޑްގެ ތެރޭގައި ފުޓްބޯޅަ ކުލަބުތަކަށް އެހީވުމަށް 2021 ވަނަ އަހަރު ފީފާއިން ނެގި ލޯނެއްގެ ފައިސާއިންކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގެ ފަސްފަހަތް:
މި މައްސަލައިގައި ކުރިން ތަޙުޤީޤު ކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އޭގެ ފަހުން އައު ދައުވާތަކެއް އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ.
ޕީޖީން ހުށަހެޅި އައު ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އެ ދައުވާ އުފުލާފައިވަނީ ބައްސާމު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އޭނާގެ މައްޗަށް ދެން ހުށަހަޅާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އެ އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މި ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ދިފާއީ ވަކީލު ވިދާޅުވީ، ބައްސާމްއަށް ކުރާ ދައުވާތަކަށް އޭނާ ޖުމުލަކޮށް އިންކާރު ކުރާ ކަމަށާއި، އެ ދައުވާތަކުގައި ހިމަނާފައިވާ ކަންކަމަކީ ބައްސާމް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

