ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލްޒާގެ ލަފައިން އެނގުނީ ފަނޑިޔާރުންނާ ގުޅޭ ތަހުގީގުގައި އިޖުރާއީ އައިބެއް ނެތްކަން: ރިޒާ

މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، އެ މައްސަލަ ދިރާސާކުރާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދެއްވި ލަފާފުޅުން އެނގިގެން ދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގައި އިޖުރާއީ އައިބެއް ނެތްކަން ކަމަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ރިޕޯޓަށް ބަހުސް ކުރައްވަމުން ޖޭއެސްސީގެ ރައީސްގެ މަގާމް ވެސް ފުއްރަމުން ގެންދަވާ ރިޒާ ވިދާޅުވީ، މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ޤާނޫނީ ލަފާގެ އިބާރާތުގައި އޮތީ ޖޭއެސްސީން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމާ ގުޅޭ ކޮމިޓީގެ ދައުރެއް ނެތި މައްސަލަ ކުރިއަށް ގެންދިޔަ ވާހަކަ ކަމަށެވެ.

އެންމެ އިޖުރާއަތެއް މިއޮތީ ފާހަގަ ކުރައްވާފައި، އެއީ ހަމައެކަނި ކޮމިޓީގެ ދައުރެއް ނެތިކަމަށް ވިދާޅުވާ ވިދާޅުވުން

އެ ލަފާއަށް ބަލާއިރު، ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ވަކީލުންގެ ފުރުސަތާއި، ދިފާއުވުމުގެ ފުރުސަތު ހިމެނޭހެން އެންމެހައި ޙައްޤުތައް ލިބިދީފައިވާކަން އެނގިގެންދާކަމަށް ރިޒާ ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރުމުގައި އިޖުރާއީ އައިބެއް އެކުލެވިފައިނެތްކަންވެސް ފިލްޒާގެ ލަފާފުޅުން ފެނިގެންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

ކައުންސެލް ޖެނެރަލް ދެއްވި ލަފާގައި ބަޔާން ކުރައްވާފައިވަނީ ޖޭއެސްސީގެ ރިޕޯޓުގެ ތައާރަފުގައި އެ މައްސަލަ ހުށަހެޅި ކަމަށް އޮންނަނީ ޖޭއެސްސީގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށްވިޔަސް، މައްސަލައިގެ ހުލާސާގައި އޮންނަނީ އެއީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ކަމަށެވެ.

ހަމައެއާއެކު، ކޮމިޝަނަށް ފޮނުވާ މައްސަލަތައް ބަލަން ކަނޑައެޅުމަށްޓަކައި ’މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ‘ އަށް މައްސަލަ ފޮނުވަންވާނެ ކަމަށް ޖޭއެސްސީގެ ގާނޫނު ބުނިނަމަވެސް، އެގޮތަށްވެސް އަމަލުކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، މައްސަލަ ބަލަން ނިންމޭނީ ހަމައެކަނި މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ހުށަހަޅައިގެންކަމަށް އޮތް ލަފާފުޅަކީ ރަނގަޅު މާނަކުރުމެއްކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގެ ޤާނޫނުގައި ”ކޮމިޓީން ނުވަތަ ކޮމިޝަނުން“ މި އިބާރަތް އޮންނަކަން ރިޒާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިއީ އިހުތިޔާރު ލިބިގެންވާ ކަމެއްކަން އެނގިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބެލުމުގައި ޖޭއެސްސީން އެއްވެސް އިޖުރާއަތަކާ ޚިލާފުވެފައިނުވާނެކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި ބަހުސްގެ ބޭނުމަށް އެއީ އިޖުރާއަތާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ބެލި ނަމަވެސް، އެ މައްސަލަ ބެލުމާ ގުޅޭ ދާއިމީ ކޮމިޓީގައިވެސް އެ ކޮމިޓީގެ މެމްބަރުންވެސް ނިންމީ މި މައްސަލަ ބެލުމަށްކަމަށް ރިޒާ ވިދާޅުވިއެވެ.

އެހެންކަމުން ’މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ‘ ގެ މެމްބަރުންވެސް އެ މައްސަލަ ބަލަން ޖެހޭކަމަށް ދެކޭކަން އެކަމުންވެސް ފެންނަން އެބައޮތްކަމަށް މެމްބަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ބޭރުގެ ލޯއޭޝިއާ އާއި އިންޑިއާގެ ބާ އެސޯސިއޭޝަންގެ އިތުރުން، ނޭޕާލްގެ ބާ އެސޯސިއޭޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފަނޑިޔާރުން ވަކި ކުރުމުގެ އިޖުރާއަތުތައް ކުރިއަށްދަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން އަދި ޑިއު ޕްރޮސެސް ފުރިހަމަކޮށްކަމާމެދު އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ވަކިން ޚާއްސަކޮށް، މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ކޯޓުން ބެލުމަށް ނިންމި ދަނޑިވަޅާއެކު މި ކަންކަން ހިނގައި ދިއުމާއި، ޖޭއެސްސީން ހިންގި ތަހުގީގުގައި އިޖުރާއަތު ފުރިހަމަކޮށްފައިނުވާކަން މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ފާހަގަ ކުރައްވާފައިވުމާއެކު، އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: