އެއްވެސް އަސާސެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށް ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް އެޅި ފިޔަވަޅަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ދެ މަސް ދުވަހުގެ ދިގު ސަސްޕެންޝަނަކަށް ފަހު އަޒްމިރަލްދާއާއި، މަހާޒް ފަނޑިޔާރުކަމުން މިއަދު ވަކިކޮށްފައި ވަނީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީ މެމްބަރުންގެ ވޯޓާއި އެކު އެވެ.
މި މައްސަލައިގައި ދެ ފަނޑިޔާރުން ވެސް ތަކުރާރުކޮށް، ޖަވާބުދާރީވުމަށް އެދުމުން ވެސް އެ ފުރުސަތު ދީފައި ނުވާތީ އެކަމަށް ޝާހިދު ވަނީ މިއަދު ފާޑުވިދާޅުވެފަ އެވެ. ބައިނަލްއަޤުވާމީ އެކި ލޯފާމްތަކާއި، ބާ އެސޯސިއޭޝަންތަކުން ކަންބޮޑުވުންފާޅުކޮށް ތަކުރާރުކޮށް ބަޔާންތައް ނެރެމުން ދަނިކޮށް ދެ ފަނޑިޔާރުން މަގާމުން ވަކިކުރުން ޝާހިދު ސިފަ ކުރެއްވީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
ޝާހިދު ވިދާޅުވީ އަޒްމިރަލްދާއާއި މަހާޒްއާއި ގުޅުވައި ކުއްލިއަކަށް ސުލޫކީ މައްސަލަތަކެއް ފެންމަތި ކުރީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ފެ ފަނޑިޔާރުންގެ މައްސަލަ ވެސް ސަރުކާރުން ކުރިޔަށް ގެންދިޔައީ ވަރަށް ހުދުމުތާރު ގޮތަކަށްކަމުގައި ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ވެސް ނުރައްކާވެ، ސިޔާސީ މަންފާއަށް ކޯޓުތައް ބޭނުންކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދަޅުވީ ސިޔާސީ ފައިދާއަކަށް، ކޯޓުތައް ބޭނުން ކުރުމުގެ ސަބަބުން ޑިމޮކްރަސީ ފާޅުގައި ރޫޅިގެންދާކަމެވެ.
ޝާހިދު ވިދާޅުވީ، މި އަމަލުތަކަކީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި ކޮމަންވެލްތު ޗާޓަރު ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ ވައުދުތަކާ ފުށުއަރާ އަމަލުތަކެއް ކަމަށެވެ.

