އިދިކޮޅު މައި ޕާޓީން ދުވަހަކު ދިވެހިރާއްޖެއާއި މެދު ހެޔޮ ހިތެއް ނުގެންގުޅޭކަމަށާއި، ވެރިކަން ލިބިއްޖެ ނަމަ ގައުމު ފުނޑާލާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހަައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ސައީދު ވިދަޅުވީ، އެމްޑީޕީއަކީ އަބަދުވެސް ހަލަބޮލިކަމަށް ލޯބި ކުރަމުން އައި ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީ އިދިކޮޅުގައި އޮންނަ އިރު އަބަދުވެސް ތަކުރާރު ކުރާ ބައެއް ކަންތައް ހުންނަކަން ފާހަގަކުރި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެމްޑީޕީން އިދިކޮޅުގައި އޮވެ އަބަދުވެސް އުޅެނީ ގައުމު ހަލަބޮލިކޮށްލުމަށެވެ. އަދި މަގުތަކަށް ނިކުމެ ރައްޔިތުންނަށް އުނދަގޫކޮށް ޖެއްސުން ކުރުމާއި، ސަރުކާރަށް ދަތި ކުރުމަކީ އެ ޕާޓީގެ ސިފައެއްކަމަށް ސައީދު ވިދާޅުވި އެވެ. އެއާއި އެކު އެމްޑީޕީ އެންމެ ގަޔާވެގެން ކުރާކަމަކީ، ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް އެ ގައުމުތަކުގައި ތިބެ ދިވެހިރާއްޖޭގެ އަގު ވައްޓާލައި ތަރައްގީއަށް ހުރަސްއެޅުންކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބޭރަށް ދަތުރުކޮށް، އެ ގައުމުތަކުގައި އެކި މީހުންނާއި ބައްދަލުކޮށް ދިވެހި ގައުމާއި ގުޅޭ ގޮތުން އެތައް ދޮގު ވާހަކަތަކެއް އެމްޑީޕީ ފަތުރާކަމަށެވެ. އޭގެ ބޭނުމަކީ ސައީދު ވިދާޅުވި ގޮތުގައި އެއިރެއްގައި އޮންނަ ސަރުކާރަކުން ގެނައުމަށް މަސައްކަތް ކުރާ ތަރައްގީއަށް ހުރަސް އަޅައި ސަރުކާރަށް އުނދަގޫ ކުރުމެވެ.
ވެރިކަމުން ފައިބައިފިއްޔާ ދެ ކަމެއް ކުރާނެ،.. އޭގެއިން އެއް ކަމަކީ މަގުމައްޗަށް ނުކުމެ ޖަހާ ސަކަރާތް… ދެން އަނެއް ކަމަކީ ވަރަށް ބާރަށް ފުރައިގެން ދާނެ ރާއްޖެއިން ބޭރަށް… ގޮސް ހަމަ އެކި ތަންތަނުގައި ވާހަކަ ދައްކައި ސޯޝަލް މީޑިއާއަށް ލާނެ ފޮޓޯ…
މީގެއިތުރުން ސައީދު ވިދާޅުވީ އެމްޑީޕީން ބޭރު ގައުމުތަކަށް ދަތުރުކޮށް، އެ ގައުމުތަކުގެ ބޭންކުތަކާއި ބައްދަލުކޮށް ރާއްޖެ ބަނގުރޫޓުވާން ދާކަމަށް ވެސް ބުނެ ވާހަކަ ދައްކާކަމަށެވެ. އަދި މާލީ ގޮތުން ހަގީގަތެއް ނެތް މައުލޫމާތުތައް ފައިނޭންސް ކުރަން ތިބި ބަޔަކަށް ނުވަތަ އިންވެސްޓަރުންނަށް ފޮނުވާކަމަށް ވިދާޅުވި އެވެ.

