ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސެއް ކުރިޔަށް ދަނިކޮށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅާފައި ވަނީ ކޯޓު އަމުރަކާއި ނުލައިވެސް މއ. މާންދޫގޭ، ދެކުނުގެ ބަލައި ފާސްކުރެވިދާނެކަމަށް މައުލޫމާތު ދިނުމަށްކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، އެރޭގެ މުޅި މައްސަލަ އެއްކޮށް ފެށިގެން އަންނަނީ މއ. މާންދޫގޭ، ދެކުނު ގޭގައި އޮތްކަމަށް ބުނާ ޕާޓީ އެވެ. އެއީ މިނިސްޓަރ އަމީންގެ ގެއެވެ.
ޔުމްނު ވެއްޓުނުތާ ހަފްތާއެއް ފަހުން އެ ގޭގެ ޓެރިސް ބަލައި ފާސްކުރި ނަމަވެސް މައްސަލައާއި ގުޅުން ހުރި އެއްވެސް ކަމެއް ފެނިފައި ނުވެއެވެ. އަދި އެގޭގެ ސީސީޓީވީއަށް ފުލުހުން އެދުމުން، ކެމެރާތައް ހަލާކުވެފައިވާކަމަށް އަމީން ވަނީ އެ މުވައްސަސާއަށް އަންގާފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ދިނުމަށް ފުލުހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ”މިނިސްޓަރ އަމީން އެބަ ގުޅުއްވާ“ ވިދަޅުވާ އަޑު މައިކަށް އަރާފައި ވެއެވެ. އެ ޕްރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ގެންދެވީ ސީޕީގެ ހައިސިއްޔަތުން ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި މިހާރު ފުލުހުންގެ މުވައްސަސާ ހިންގެވުމާއި ހަވާލުވެ ހުންނެވި ނަވީންނެވެ.
މި މައްސަލައަށް ނުފޫޒު ފޯރުވާ މީހުންގެ ތެރޭގައި އަމީން ހިމެނޭކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީ އެވެ.
ޖަވާބުދާރީވުމަށް މިއަދު ކުރިޔަށް ގެންދިޔަ ޖަލްސާގައި އިދިކޮޅުން ވަނީ، އަމީނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށް ފާޑުކިއުން އަމާޒުކޮށްފަ އެވެ. ނުފޫޒެއް ނުފޯރުވާކަމަށް ތަކުރާރުކޮށް ވިދާޅުވީ ނަމަވެސް ޕްރެސް ކުރިޔަށް ދިޔައިރު އަމީން ޝުޖާއުއަށް ފޯނު ކުރެއްވިކަން އެނގެން ހުރީ މައިކަށް އެ އަޑު އަރާފައިވާތީކަމަށް މެމްބަރުން ބުންޏެވެ. ޖަވާބުގައި އަމީން ވިދާޅުވީ ޝުޖާއުއަށް ގުޅާފައިވާނެކަމަށާއި އެއީ މާންދޫގޭ، ދެކުނުގެ ބަލައި ފާސްކުރެވޭނެކަމަށާއި ކޯޓު އަމުރެއް ނެތަސް މައްސަލައެއް ނެތްކަމަށް ދަންނަވަން ކަމަށެވެ.
ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށް ފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައި ވާނެ… އެކަމަކު އެމަނިކުފާނު ފޯނަށް ޖަވާބު ދެއްވާފައެއް ނުވޭ….
އަމީން ވިދާޅުވީ ޝުޖާއުއަށް ގުޅީ ގޭގެ ވެރިންނާއި ވާހަކަ ދެއްކުމަށްފަހުކަމަށާއި، އަދި ދަންނަވަން ބޭނުންވީ ކަމަކީ އެގެއަށް ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަމަށް ދަންނަވަން ބޭނުންވީ އޭނާއަކީ މިނިސްޓަރަކަށްވެފައޮ ދައުލަތުގެ އިދާރާތަކަށް ފަސޭހަކޮށްދިނުން އެއީ ޒިންމާއެއްކަމުގައި ދެކޭތީ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ބުނެ، އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށެވެ. އަދި އެފަދަ ހާލަތެއް ނުވަތަ ސަބަބެއް ވެސް ނެތްކަމަށް ފާހަގަކޮށް ވިދާޅުވީ ނުފޫޒު ފޯރުވާފައިވާނަމަ އެކަން ކުރީ ކޮން ގޮތަކުންކަން ބުނެދޭން ޖެހޭކަމަށެވެ.
ޔުމްނު ވެއްޓުނު ރޭގައި، އެންމެ ފުރަތަމަ ގުރޫޕެއް އެއްކޮށް ޕާޓީ ކުރަން އުޅުނީ އަމީން ދިރިއުޅޭ ގޭގެ ޓެރިސްގައި އެވެ.
އެ މައްސަލަ ފެންމަތިވުމަށް ފަހު، އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް އެކު އަމީންއާ އާއިލީ ގުޅުން އޮތް އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ.

