ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލައި، މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވަނީ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ބައެއް ތަފްސީލު ދެއްވާފަ އެވެ. އެގޮތުން 32 ޖަލްސާ ކުރިޔަށް ގެންގޮސް މުޅި ދައުރުގައި ޖުމްލަ 59 ގަޑިއިރު ހޭދަކުރެވުނުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ 18 ކޮމިޓީއަކުން، ޖުމްލަ 192 ބައްދަލުވުން ކުރިޔަށް ބޭއްވިގެންދިޔައިރު، 109 ގަޑިއިރާއި 37 މިނިޓު ކޮމިޓީގެ މަސައްކަތްތަކަށް ހޭދަކުރެވުނުކަމަށް އަބްދުރައްހީމް ވިދާޅުވިއެވެ. އަދި 9 ބިލް ފާސްކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެގޮތުން، މަޖިލީހުގެ 20 ވަނަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާސްކުރެވުނު ބިލްތަކަށް ބަލާލާއިރު، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް އިސްލާހު ގަނައުމުގެ ބިލް، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ބިލް، ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ގެދޮރުވެރިކަމާއި ގުޅޭ ބިލް، ފަތުރުވެރިކަމާއި ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ޖަނަވާރުތައް ރައްކާތެރިކުރުމުގެ ބިލް، ޖުޑިޝަރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ލާމަރުކަޒީ ނިޒާމަށް އިސްލާހު ގަނައުމުގެ ބިލް ހިމެނެއެވެ.
މީގެއިތުރުން، މި ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތުގެ ޖުމްލަ 77 އިންސައްތައިގެ މަސައްކަތް ނިމިއްޖެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

