އޮރެންޖު ހިޔާ އިމާރާތް ބަދަލުކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން ސިފައިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ، ސަފައިންނަށް ރައީސް ޝުކުރުއަދާކުރެއްވުމުގެ ގޮތުގައި 2025 މޭ 15 ވަނަ ދުވަހުގެ ހެނދުނު އެމްއެންޑީއެފްގެ މައި ހެޑްކުއާޓަރު ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިކަމަށެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ސިފައިންނާއި މުހާތަބުކޮށް ވާހަކަދައްވައިފައެވެ. އެގޮތުން، ރައީސް ވިދާޅުވީ، ދިވެހި ސިފައިންނަކީ ގައުމު އެދި ގޮވާލަ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ކުރާ ހިތުން ހަވާލުކުރެވޭ މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި ސިފައިން ކުރާ ކޮންމެ މަސައްކަތަކީ، ދިވެހި ރައްޔިތުންނަށް ސިފައިންގެ ހިތުގައި އޮންނަ ލޯބި ހާމަކޮށްދޭކަމެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ތެލެސީމިއާ ސެންޓަރު އޮރެންޖުހިޔާއަށް ބަދަލުކުރުމުގެ މަސައްކަތުގެ މެދުތެރެއިން އެކި ސަބަބުތަކާއި ހުރެ، އެ އިމާރާތުގެ މަސައްކަތްތައް ނިންމާނުލެވި ހުރުމުގެ ސަބަބުން، ސިފައިންނަށް އެ މަސައްކަތްހަވާލުކުރެއްވީ، ތެލެސީމިއާ ކުދިން ތަހައްމަލު ކުރަން ޖެހުނު ހައްސާސު ހާލަތު އެނގިވަޑައިގެންހުރިކަމަށެވެ. އަދި އެ މަސައްކަތް އެންމެ އަވަސް ދުވެލީގައި ނިންމާލުމަށްޓަކައި ސިފައިންނަށް އެ މަސައްކަތް ހަވާލުކުރިކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރު އޮރަންޖު ހިޔާގައި ގާއިމުކުރަން ބޭނުންވިއިރު، ސިފައިންނާއި އެ މަސައްކަތް ހަވާލުކުރެވިގެންދިޔައިރު، އެ މަސައްކަތް ނިންމުމުގައި ސިފައިންގެ އެކި މަގާމުގެ ބައިވެރިވުން ފެނިގެން ދިޔަކަމަށެވެ. އަދި އެތަނުގެ މަސައްކަތްތައް ނިންމައިލައިފައިވަނީ ވަރަށް ފުރިހަމަކަމާއި އެކުކަންވެސް ރައީސް ފާހަގަކުރައްވާ، ޝުކުރުވެސްވަނީ އަދާކުރައްވައިފައެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި އޮރެންޖު ހިޔާ އިމާރާތުގެ މަސައްކަތްތަކުގައި ބައިވެރިވި ސިފައިންނަށް އަގުވަޒަންކުރުމުގެ ގޮތުން، ރައީސް ވަނީ ހަނދާނީ ފިލާއެއްވެސް ދިވެހި ސިފައިންނަށް އަރުވައިފައެވެ. އަދި މި މަސައްކަތުގައި ޝާމިލުވި އެމްއެންޑީއެފްގެ ވަކި ވަކި ފަރާތްތަކަށް ވަނީ އަގުވަޒަންކުރުމުގެ ގޮތުން ވަކިވަކިން ލިޔުންވެސް ދެއްވައިފައެވެ.
ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ރެޔެއް އަދި ދުވާލެއް ބަލާނުލާ، ދިވެހި ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރާ މުއައްސަސާއެކެވެ. އެގޮތުން، ދިވެހިންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން، ރައްޔިތުންގެ ހައްގުގައި ނިކުމެ، ގައުމަށް ހިދުމަތްކުރެއެވެ. އެއީ، ގުދުރަތީ ކާރީސާއެއް ނުވަތަ އެހެނިހެން ރައްޔިތުންނަށް ނުރައްކާ ފޯރާނެ ހުރިހާ ކަމެއްގައި، ދިވެހިރައްޔިތުންގެ ހައްގުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އެމްއެންޑީއެފް ހިމެނެއެވެ.

