ގޭންގު ލީޑަރުންނާއި މެމްބަރުން ކަނޑައަޅައި އެ ފަރާތްތައް ސަރުކާރުގެ ވަޒީފާއަކުން ވަކިކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ގޮތަށް ސަރުކާރުން ފަރުމާ ކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ފާސްކޮށްފި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި މި ބިލު ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓާއި އެކު އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ދިރާސާ ކުރުމަށް ކޮމިޓި ކުރި މަސައްކަތުގެ ތެރޭގައި، މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވެ އެވެ.
ބިލުގައިވާ ގޮތުގައި ކުށްކުރާ ގޭންގެއް ނުވަތަ ގުރޫޕެއް ހޯދަން ޖެހޭނީ ތަހުގީގު ތެރެއިންނެވެ. އަދި އާންމު އުސޫލުން ކުރާ ތަހުގީގުގައި އެއީ އެފަދަ ގުރޫޕެއްކަން ނުވަތަ ވަކި މީހަކީ ގޭންގަކަށް ނިސްބަތްވާ މީހެއްކަން ސާބިތުކޮށްދޭން ޖެހޭނީ ވެސް އާންމު އުސޫލުން ހޯދާ ހެކީގެ މައްޗަށެވެ. މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ހުއްޓުވުމުގެ ގާނޫނު ބުނާ ގޮތުގައި ވަކި މީހަކީ ގޭންގު މީހެއްކަން ކަނޑައެޅޭނީ މައްސަލައިގައި ދައުވާކޮށް ކޯޓުންނެވެ. އެ ގާނޫނުން މިހާތަނަށް އެއްވެސް މީހަކީ ގޭންގު މެމްބަރެއްކަމަށް ކަނޑައަޅައި، އަދަބެއް ދީފައި ނެތެވެ.
”ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު“ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއ،ި އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް ”ޒީރޯ ޓޮލަރެންސް“ އެވެ.
ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައެވެ.
ގޭންގުގެ ސިފަތައްކަމަށް މި ބިލުގައި ބުނެފައި ވަނީ ވަކި ސިޓީއެއް ގޯޅިއެއް، އަދި ޕާކެއް ފަދަ ސަރަހައްދަކީ އެފަރާތެއްގެ ތަނެއްކަމަށް ބެލެވޭ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އަދި ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ވަނީ ކަނޑައަޅާފަ އެވެ.
ބަޔަކު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް ކަން ކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބިކަމަށް އެ މީހުންގެ މެދުގައި ގަބޫލު ކުރާކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ. އަދި ވަކި ސަރަހައްދަކަށް ގޮސް އާންމުކޮށް އުޅޭ އެކަކަށް ވުރެ ގިނަ މީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ ކުށުގެ ރެކޯޑު އޮތް ބަޔަކަށްވުމާއި އެ ސަރަހައްދަކަށް އެއްވެ އުޅޭ ބައެއްގެ ފަރާތުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލުތަކާއި މަސްލަހަތަށް ގެއްލުން ހުރި އަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ.
ގޭންގު މެމްބަރެއްގެ ސިފަތައްކަމަށް ބިލުގައި ވަނީ އޭނާއަކީ ގޭންގު މެމްބަރެއްކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށް ކުރާ ގެންގުތަކާއި ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެމްބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމެވެ.
ގޭންގު ލީޑަރެއްކަމަށް ބުނާ ބައެއް ކަންކަމުގެ ތެރޭގައި ގޭންގު ހަރަކާތްތައް ހިންގުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ކަންކަން މެނޭޖުކޮށް ބަލަހައްޓައި ވަކި އަމަލެއް ނުވަތަ ނުކުރަން ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ފަރަތްތަކެވެ.
ކޯޓު އަމުރަކާއި ނުލައި، ތަހުގީގަށް ބޭނުންވާ ކަންކަން ކުރިޔަށް ގެންދިއުމަށް ބޮޑެތި ބާރުތަކެއް ބިލުގެ ދަށުން ފުލުހުންނަށް ދީފައި ވެއެވެ. އެގޮތުން ބޮޑެތި ކުށްތަކުގައި ތުހުމާތުވާ މީހަކަށް އޭނާ ހައްޔަރު ކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާއި އެކު އެކަހެރިކޮށް ބައްދަލުވުމުގެ ފުރުސަތު ނުދިނުން، ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުލިބުން، އެ މީހެއްގެ މައްޗަށް ތުހުމަތު ކުރވޭ ކުށް ކޮށްފާނެކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބުތައް ހުރިނަމަ ކޯޓު އަމުރަކާއި ނުލައި ހައްޔަރު ކުރން އަދި ކޯޓު އަމުރަކާއި ނުލައި ހައްޔަރު ކުރުމަށް އަމިއްލަ ތަނަކަށް ވަދެ އެ މީހަކު ހައްޔަރުކޮށް އެތަނުގައި އެ މީހާ ބަލައި ފާސްކުރެވޭނެކަމަށް ވެއެވެ. ބިލުގައި ވާގޮތުން އެގޮތަށް ފާސްކުރާއިރު، އެކަށީގެންވާ ވަގުތަކަށް ފުލުހުންނަށް ތަނުގައި މަޑު ކުރެވޭނެ އެވެ.
ބިލަށް ކޮމިޓީ މަރުހަލާގައި ގެނެސްފައިވާ ބަދަލުގެ ތެރޭގައި ޖުރިމަނާގެ އަދަދަށް މަތިކޮށް ގެނައި ބަދަލުތައް ހިމެނެ އެވެ.
ގޭންގަކާއި ގުޅިފައިވާ އެއްވެސް މީހަކު ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއްކަމަށް ބިލުގައި ވެއެވެ.

