ބިދޭސީއަކު ފިލައިގެން ރިޕޯޓު ކުރާނަމަ ފީއެއް ނަގަނީ، ބިދޭސީއިން ގެނައި ފަރާތް ޒިންމާދާރުކުރުވަންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ފިލުމާއި ގުޅިގެން މިނިސްޓްރީއިން އަމަލު ކުރާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ބައެއް ފަހަރު ފިޔަވަޅުތައް އަޅަނީ ކަން ހިނގާ ގޮތުގެ އަސްލަށް ބަލާ، އަސްލު ހުއްޓުވުމުގެ ގޮތުންކަމަށެވެ.
ދެ ސަބަބަކާއި ހުރެ ބިދޭސީ މަސައްކަތްތެރިޔާ ފިލައިފިކަމަށް ސިސްޓަމަށް އަންނަކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެގޮތުން މުސާރަ ނުދޭތީ ބިދޭސީ މީހާ އެކަމަށް ކެތް ނުވެގެން އެހެންތާކަށް ދިއުމުން، އެ ހާލަތުގައިވެސް ފިލައިފިކަމަށް ރިޕޯޓުކުރާކަމަށެވެ. ބައެއް ފަހަރު މުސާރަ ދެމުން ދިޔަ ނަމަވެސް، މުސާރަ ކުޑަވުމުންވެސް ފިލާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންނާއި މި ނިޒާމު ހަވާލުވީއިރު، ފިލައިގެން ގޮއްސިކަމަށް ބުނެ އެތައް ބަޔަކު ސިސްޓަމް ތެރޭގައި ތާށިވެފައި ތިބި.
އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީއިން ފިލައިފިކަމަށް ބުނެ ރިޕޯޓު ކުރާ މައްސަލަތަކުގައި ޖެނުއިން މައްސަލަތައް ވަރަށް މަދުކަމަށެވެ. މިފަދަ މައްސަލައެއް ތަހުގީގުކޮށް އަސްލާއި ހަމައަށް ދާން ވަރަށް މަސައްކަތްކޮށް، އެތައް ހަރަދެއް ކުރަން ޖެހޭއިރު، ފިލީކަމަށް ރިޕޯޓު ކުރާއިރު، އެ ޒިންމާގެ ކޮންމެސް ވަރެއް ވަޒީފާ ދިން ފަރާތަށްވެސް ދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީއަކު ފިލައިގެން ރިޕޯޓުކުރަނީ ނަމަ 1،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމީ އެ ސަބަބާއި ހުރެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަރުވާ ކުޑަކޮށް ބިދޭސީއިން ފިލައިފިކަމަށް ރިޕޯޓު ކުރާ ފަރާތްތައް ފީ ނަގަން ފެށުމާއިއެކު މަދުވެފައިވާކަމަށާއި، މިހާރު އެކަން ކުރަނީ ޒިންމާދާރުކޮށްކަމަށެވެ.
ނަމަވެސް މިއީ ދާއިމަށް އޮންނާނެ ފީއެއް ނޫންކަމަށާއި، ނިޒާމު ހަމަޖެއްސުމަށްފަހު މި ފިޔަވަޅު ރިވިއު ކުރާނެކަމަށް އިހުސާން ވިދާޅުވިއެވެ.

