ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ކައުންސިލުތައް އުވާލުމަށް އިސްލާހެއް ގެންނާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލުތައް އުވާލުމަށް އިސްލާހުތަކެއް ގެނެވިގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއިއެކު ނަމުގައި ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތްތާނގައި ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުގެ ނަމުގައި ކައުންސިލުތަކެއް ބާއްވަން ނުފެންނަކަމަށްވުމުން އެ މައްސަލައަށް ހައްލުތަކެއް ގެނައުން ހިމެނޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި އޮތް ނިޒާމުތައް ދެން ނުގެންނާނެކަމަށާއި މިހާރު ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުން އިންތިހާބުކުރާ މީހުން ތިބެގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަތޮޅު ހިންގަން ވަކި ކައުންސިލެއް އޮންނައިރު އެ ކައުންސިލަށް ރައީސްއަކު ހޮވާފައި ހުންނަކަމަށެވެ. އަދި އަތޮޅު ކައުންސިލަކީ އެ ރަށްތަކުގެ ކައުންސިލަރުން ހިމެނިގެން އުފައްދާ މުއައްސަސާއެއްކަމަށްވާއިރު މުޅި އަތޮޅުގެ ކަމެއްގައި މަޝްވަރާކުރަން ބައްދަލުވިޔަސް އެ ރަށެއްގެ ކައުންސިލަރަކަށް އިސްކުރެވެނީ ނިސްބަތްވެވަޑައިގަންނަވާ ރަށުގެ މަސްލަހަތުކަމަށެވެ.

ރައީސް ވިދާޅުވީ، ގިނަ ފަހަރުތަކުގައި ބައްދަލުވުންތައް ބާއްވަނީ އޮންލައިންކޮށްކަމަށާއި އެއްތަންވެ މަޝްވަރާތައް ކުރިއަށް ގެންދެވެނީ މަދު ފަހަރެއްގައިކަމަށެވެ. އަދި އެފަދަ ނޭދެވޭ އެހެނިހެން ކަންކަންވެސް ހުރިއިރު ހަރަދާއި ގުޅުންހުރި ކަންކަންވެސް ހިމެނޭކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް މި ސަރުކާރުންވަނީ އަތޮޅު ކައުންސިލުތައް އުވާލުމަށް ހުށައެޅުމަށް ނިންމާފައިކަމަށާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ހުންނާނެއިރު އާބާދީގެ ނިސްބަތުން ސައިޒު ކުޑަކުރުމަށް ހުށައެޅުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދެހާސް މީހުންނަށްވުރެ އާބާދީ ކުޑަނަމަ އެ ރަށެއްގައި ތިބޭނީ ތިން ކައުންސިލަރުންކަމަށާއި އާބާދީ ބޮޑުނަމަ ފަސް ކައުންސިލަރުން ތިބޭނެކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުތަކަށް ބަދަލެއް ނާންނާނެއިރު އަދަދު އިތުރުނުވާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ބަދަލުގެ ސަބަބުން ވަރަށް ބޮޑަށް ހިންގުން ހަރުދަނާވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިހާރު ބައެއް ރަށްތަކުގައި ކައުންސިލަރުން ބޭކާރުވެފައި ތިބޭކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އެގޮތުން ބައެއް ރަށްތަކުގައި ތިބޭ މީހުންގެ އަދަދު 100 އަށް ނާރާއިރު ފަސް ކައުންސިލަރުން ތިބޭކަމަށާއި އެހެންކަމުން އެ ރަށްތަކުގައި ގިނަ ކައުންސިލަރުން އުޅުއްވަނީ މަހަށް ދިއުން ނޫނީ އަމިއްލަ ވިޔަފާރިއެއް ކުރިއެރުވުން ފަދަ މަސައްކަތްތަކެއްގައިކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިވަގުތު އޮތީ ވަރަށް ހަރަދު ބޮޑު ނިޒާމެއްކަމަށާއި ރައްޔިތުންނަށް ކުރާ ފައިދާތަކެއްވެސް ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަރަދު ކުރެވިދާނެކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ރައްޔިތުންނަށް ފައިދާތަކެއް ވެގެންދާނަމަ ކަމަށާއި ރައްޔިތުން މިހާރު އޮތް ނިޒާމު ބަލައިނުގަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: