ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި، މުޖުތަމައުގެ ފަރުދުންގެ މެދުގައި ހުރި ސިންދަފާތާއި ތަފާތުތައް ބަލައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މިގޮތަށް އެމަނިކުފާނު ގޮވާލައްވާފައިވަނީ ބައިނަލްއަގްވާމީ ސުލްހަވެރިކަމާއެކު އެކުގައި އުޅުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ބާރުވެރިކުރުމުގެ މަގްސަދުގައި ދިވެހި މުޖުތަމައުގެ ފަރުދުންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކާއި ސިންދަފާތުތައް ބަލައިގަންނަން ޖެހެއެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ ގޮތަކަށް، ތަހައްމަލުކުރުމުގެ އާދަ އަށަގަނެ، އެންމެން އެއްބައިވަންތަވާން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެކުގައި އުޅުމަކީ، ހިޔާލުތަފާތުވުންތައް ގަބޫލުކުރުމާއެކު އެހެން މީހުންގެ ހިޔާލާއި ފިކުރުތައް އަޑުއަހައި، ބަލައިގަތުމާއި، އިހްތިރާމްކުރުމާއި، އަގުވަޒަންކުރުމުގެ ގާބިލުކަން ހުރުމާއެކު، ސުލްހަވެރި އަދި އެއްބައިވަންތަ ގޮތެއްގައި މުޖުތަމައުގެ އަހުލުވެރިން އެކުގައި ދިރިއުޅުމެވެ.
އދ. އިން ވަނީ ކޮންމެ އަހަރެއްގެ މޭ 16 ވަނަ ދުވަސް ބައިނަލްއަގުވާމީ ސުލްހަވެރިކަމާއެކު އެކުގައި އުޅުމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ. މި ދުވަހަކީ މުޖުތަމައުގެ ފަރުދުންގެ މެދުގައި ހުރި ތަފާތުތައް ބަލައިގަނެ، އެއްބައިވަންތަކަން އިތުރުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ދުވަހެކެވެ.

