ގޭންގު ބިލުގައި ބަދަލުތައް ގެންނަންޖެހޭ ބައެއް މާއްދާތައް ހުރިނަމަވެސް، އެ ބަދަލުތައް ގެނެސްފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ބިލަށް ބަދަލު ގެނައުމުގެ މަރުހަލާގައި ކޮމިޓީގެ މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ބަދަލުތައް ގެންނަން މަސައްކަތްކުރި ނަމަވެސް، ކޮމިޓީގެ މެންބަރުން ގެންނަން ބޭނުންވި ބަދަލުތައް ގެނެސް ނިންމި ހިސާބުން ހޯމްލޭންޑް މިނިސްޓްރީން އިތުރު ބަދަލުތަކެއް ގެންނަން ބޭނުންވިކަމަށެވެ. ނަމަވެސް އެޓަރނީ ޖެނެރަލް އޮފީހުން އެ ބަދަލުތަކަށް އެއްބަސްނުވިކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، ގޭންގު ބިލަށް ގެނެވުނު ބަދަލަކީ، ކޮމިޓީގެ މެންބަރުން ބޭނުންވި ގޮތާ ޚިލާފަށް ގެނެވުނު ބަދަލެއްކަމަށެވެ. އަދި ”ގޭންގު ބިލަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިންމިކަމުގައިވީނަމަވެސް، އިތުރު ފަހަރަކަށް އެ ބިލަށް ބަދަލުތައް ގެންނަން ޖެހުނީ 2 އިދާރާއިން ބޭނުންވާތީ“ ކަމަށް އެމެންބަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މައުރޫފް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހިމެނޭ މެންބަރުން ކުރާ މަސައްކަތްތައް އަގުވަޒަންނުކުރެވޭ ކަމަށެވެ. އަދި ކޮމިޓީން ބިލަށް ގެންނަ ބަދަލުތަކަށްފަހު، ސަރުކާރުގެ އެކި ވަޒީރުން ބޭނުންފުޅުވާ ގޮތަށް އަލުން ބަދަލުގެންނަން ޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އެމެންބަރު ވިދާޅުވިއެވެ.
ގޭންގު ބިލަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން މައުރޫފް ވިދާޅުވީ، މި ބިލުގެ ދަށުން ދިވެހިރާއްޖޭގައި ގޭންގަކަށް ނިސްބަތްވާ އެއްވެސް ފަރާތެއް އޮވެގެންނުވާނެ ކަމަށާއި، ފުލުހުންގެ ތަޙުޤީޤަށް ގޭންގަކަށް ނިސްބަތްވާކަމުގެ ތުހުމަތުކުރެވޭނަމަ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުމަށްފަހު، ހައިކޯޓުން ގޭންގެއްކަމަށް ކަނޑައެޅުމުން ނޫނީ، ބިލުގައި ހިމެނޭ މާއްދާތައް ނުހިންގޭނެކަމަށެވެ.
އެމެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގޭންގަކަށް ނޭނގި، ޒިންމާ ނަގަންޖެހޭ ސަރުކާރުގެ އިދާރާއެއް ނުވަތަ އަމިއްލަ މުއައްސަސާއެއްގެ އިސް މަޤާމުގައި ހުރި ފަރާތެއް ކުރި ކަމަކާ ގުޅިގެން، މުޅި މުއައްސަސާއެއް ކުށްވެރިކުރުވާނެ މާއްދާތައް އެކުލެވޭ ކަމަށާއި، މި މާއްދާތަކަށް އެކަށީގެންވާ އިޞްލާޙުތައް ގެންނަން މަސައްކަތްކުރި ނަމަވެސް، ބައެއް މާއްދާތައް މިހާތަނަށް ހުރީ ބަދަލުނުގެނެވި ކަމަށެވެ.

