ކުށުގެ ވެށީގައި ހަރަކާތްތެރިވެދާނެކަމުގެ ބިރު އޮތް ޖުމަލަ 1،000 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވީ ކުޑަ ކުދިން ކުށުގެ ވެއްޓަށް ހުށައެޅިގެންދާ މިންވަރު އިތުރުވަމުންދާކަމަށް ފާހަގަކޮށް އަހާ ފޯރަމްގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓްރީއަށް މަތި ކުރެވިފައިވާ ޒިންމާގެ އިތުރުން، 4 މަސައްކަތަށް ފޯކަސް ކުރާކަމަށް ފާހަގަކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ، އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމާއި، ގޭންގް މައްސަލައަށް ހައްލު ހޯދުމާއި، ބިދޭސީއިންގެ މައްސަލަ ހައްލުކުރުމާއި އަދި ކުޑަ ކުދިން ކުށުގެ ވެށީގައި އުޅުން ހުއްޓުވުން ހިމެނޭކަމަށެވެ.
މީގެ ތެރެއިންވެސް އެންމެ އިސްކަން ދެނީ ކުޑަ ކުދިން ކުށުގެ ވެއްޓަށް ނިކުތުން ހުއްޓުވުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގައި ރިކޯޑުކުރެވިފައިވާ ގޮތުން، ކުށުގެ ވެށީގައި އުޅޭ، ކުށުގެ ރިކޯޑް އޮތް 400 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށް ފާހަގަކުރެއްވިއެވެ. ކުށުގެ ވެއްޓަށް ވަދެފާނެކަމުގެ ބިރު އޮތް ކުދިންވެސް ވަރަށް ގިނަކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކި ގޮތް ގޮތުން ބަލާއިރު، 1،000 އެއްހާ ކުދިންނަށް މިކަމުގެ ބިރު އެބައޮތެވެ.
އަޅުގަނޑުމެން އެއްކޮށް މަސައްކަތްކުރާ ވުޒާރާތަކުގައި ހުރި މައުލޫމާތަކުގެ އަލީގައި އާއި އެއްކޮށް ބަލާލާއިރުގައި އަދި ނިޒާމުގެ ތެރެއިން ކުށުގެ ރިކޯޑާއި ހަމައަށް ނާންނަ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި މާހައުލުގައި އެޓް ރިސްކްގައި ކުށްވެރިން އެކުދިން އެކްސްޕްލޮއިޓް ކުރަމުންދާކަހަލަ ހާދިސާތަކުގައި ދިމާވެފައި ތިބި ކުދިންނާއި، އެއްކޮށް ބަލާއިރު ޖުމްލަކޮށް ހާހެއްހާ ކުދިންގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.
އިހުސާން ވިދާޅުވިއެވެ.
އަޅާނުލާ، ކުރިން އޮތް ގޮތަށް ބާއްވައިފިނަމަ މި 1،000 ކުދިން ފެންނާނީ ޖަލުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ނޫނީ ޖަލަށްދާވަރުގެ ކުށްތަކަށް އަރައިގަންނަތަން ފެންނާނެކަމަށެވެ. މިކަމަށް ހައްލު ގެނެސް، ބޮޑު ޓްރާންސްފޯމޭޝަންއެއް ގެނައުމަށް މި ސަރުކާރުން ގެންގުޅޭ ހައްލަކީ ހޯޕް އައިލެންޑްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މައްސަލައަށް އިތުރު ހައްލުތައް ގެނައުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގާއިމްކުރަން ޖެހޭ މަރުކަޒުތަކެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށާއި، އެތަންތަނުގައި ހިންގަން ޖެހޭ އިންޓަވޭޝަން ޕްރޮގްރާމްތައް އެބަހުރިކަމަށެވެ.
ދައުލަތުގެ ތެރޭޣައި މި މައްސަލައަށް ހައްލު ހޯދުމަށް ތިބި މީހުންނާއި ރިސޯސަސްގެ މަދުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު މީހުން ތަމްރީނު ކުރަމުންދާކަމަށާއި، ހޯޕް އައިލަންޑަށް ބޭޏުންވާ ރިސޯސަސް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.
މިކަމަށް މުސްތަގުބަލުގައި ކުދިން ހުށައެޅިދާނެތީ ހައްލު ކުރަން ޖެހޭ ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް އެބަހުރިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ކުޑަ ކުދިން ލައްވާ މިފަދަ ކަންކަން ކުރުވުމަށް މަގުފަހިވާ ގާނޫނުތަކެއް އެބަހުރިކަމަށެވެ. މިކަމަށް ހާއްސަކޮށް ތަހުގީގުތަކެއް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

