މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަތާލާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފާ، ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރަން ޖެހޭކަމަށެވެ.
މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. މިއީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ވަނީ އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެެ.

