ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީ ކަމަށްވާ މޫޑީސްއިން ރާއްޖެއަށް ދީފައިވާ ”ސީއޭއޭ-2“ ރޭޓިންގ ދަމަހައްޓައިފިއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ”ސީއެއޭ-1“ އިން ”ސީއޭއޭ-2“ އަށް ދަށްކުރި ފަހުން، އެ ރޭޓިންގ ދެމެހެއްޓުނު ފުރަތަމަ ފަހަރެވެ.
މޫޑީސްއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށް މިންވަރެއްގައި ހުރި ނަމަވެސް، މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކެވެ.
އެހެންނަމަވެސް، މޫޑީސްއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރުމަށް ފައިނޭންސިންގ ނުވަތަ ފައިސާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއަށް ހަނިވެފައިވާކަން ފާހަގަކޮށްފައެވެ. ”މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ރިޒާވް މަޑުމަޑުން އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ،“ މޫޑީސްގެ ރިވިއުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުން ބޮޑުކަން ފާހަގަކޮށް، މޫޑީސްއިން ބުނެފައިވަނީ ފަތުރުވެރިކަން މިހާރު އަލުން ކުރިއަރަން ފަށާފައިވާތީ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.
މޫޑީސްގެ މި ރޭޓިންގއިން ދައްކުވައިދެނީ ރާއްޖޭގެ އެތެރޭގެ އިގްތިސާދީ ދުވެލި ރަނގަޅު ނަމަވެސް، ބޭރު ފައިސާގެ ރިޒާވްއާއި ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމެވެ.

