ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޑިމޮކްރަސީ ނެތިގެންދިޔަ ނުދޭނަން: ޝާހިދު

އަބްދުﷲ ޝާހިދު މަޖިލިސް ބޭރުން/ފޮޓޯ: ސަން އޮންލައިން/އަހްމަދު އައުޝާން އިލްޔާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރަ މުސައްކަތުން ދިވެހިން ހޯދި ޑިމޮކްރެޓިކް ނިޒާމު ހުދުމުޚުތާރުކަމުގެ ތެރެއަށް ގެނބެމުން ދާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޑރ. މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް މަސައްކަތްކުރަމުންކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެންކަމަށް، ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި މި ސްޕީޗްގައި ޝާހިދު ތުހުމަތުކުރެއްވިއެވެ.

ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާކަމަށް ބުނެ ދޮގުހަދައިގެންކަމަށާއި މިދޮގުތައް ހެދީ ޤައުމީ ވިސްނުމެއްގައެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޑރ މުއިއްޒު އެކަން ކުރެއްވީ މީހުން ބައިބައިކުރަން ކަމަށާއި، އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތްކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް އެއްބަސްވުންތަކެއްކަމަށް މިސަރުކާރުން އަމިއްލައަށް އެއްބަސްވުމުން ކަމަށް، ތަފްސީލާއެކު ޝާހިދު ވިދާޅުވެދެއްވިއެވެ.

މީގެ އިތުރުން ނިމިދިޔަ ނޮވެމްބަރު މަހު، މެމްބަރުގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އެޅިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެމައްސަލަ ކޯޓަށް ވެއްދުމުން މައްސަލަ ބެލޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމުމާއެކު، ސުޕްރީމް ކޯޓަށް ޑރ މުއިއްޒު ގޮންޖައްސަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ކުރީ ޤާނޫނާ ޚިލާފު ކަންކަންކަމަށްވެސް ޝާހިދު އައި.ޑީ.ޔޫގެ ބައްދަލުވުމުގައި ވިދާޅުވެދެއްވިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު އޮތީ ވާކޮށްފައިކަމަށާއި، މިނިވަން މުއައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައިކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓުންކަމަށް ސިފަކުރައްވައި، ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަ ނިންމަވާލައްމުން ވިދާޅުވީ މިހާރު އޮތް އައު ދިވެހިރާއްޖެއަކީ ސުވާލެއް ކޮށްލައިގެން ހައްޔަރުކުރެވޭ، އަނގަބަންދުވެފައިވާ މަޖިލީހެއް އޮތް، ޝަރުޢީ ނިޒާމް ބޮއްސުންލާފައިވާ ގައުމެއްކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ އަނގަބަންދު ނުކުރެވޭނެކަމަށާއި، އެމްޑީޕީ މަޑުން ނޯންނާނެކަމަށްވެސް ޝާހިދު ޔަޤީންކަން ދެއްވިއެވެ. އެމްޑީޕީއިން އޮތީ ޑިމޮކްރަސީގައި ފަހަތަށް ދާތީ އެކަމާ ހިތާމަކުރަން ނޫންކަމަށާއި، އެކަން ބަދަލުކުރަންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓްކޮށްގެން އުޅޭ އެއްޗެއް ނޫންކަމަށާއި، އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުއްމީދުގައި ބުރަ މަސައްކަތްކޮށްގެން ޤުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްޤެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވަނީ ދިވެހިންނާއެކު ތިބުމަށް މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ މަންދޫބުންނަށް ގޮވާލައްވާފައެވެ. އަދި ޝަރުޢީ ދާއިރާގެ މިނިވަންކަމަށާއި، ތެދު ހަބަރު ލިޔާ ނޫސްވެރިންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާޢުގައާއި ސުލްހަވެރިކަމާއެކު އިހްތިޖާޖުކުރާ ޒުވާނުންނާއެކު ތިބުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ޝާހިދު ގޮވާލެއްވިއެވެ. ސަރުކާރުގެ ހުދުމުޚުތާރުކަން ކިތަންމެ ބޮޑަސް، ޑިމޮކްރަސީ ރާއްޖޭގައި ފޮހެވިގެން ދިޔަ ނުދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އައިޑީޔޫގެ ބައްދަލުވުމުގެ ހަވާސާގައި ޝާހިދު ވަނީ އެ ޔޫނިއަންގެ މެމްބަރުންގެ ގޮތުގައި ތިބި އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު އެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އަދި މީގެ އިތުރުން ޝާހިދު ވަނީ އިއްޔެ ބްރަސަލްސްގައި، ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާއި ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މީކާއީލް ނަސީމް ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: