ގޭންގަކާއި ގުޅިފައިވާ އެއްވެސް މީހަކުނުޙައްޤުން މުއްސަނދިކަން ހޯދައިފިނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ’ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު‘ ގައި ހިމަނައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، މި ބިލުގައިވާ ގޮތުން ގޭންގަކާ ގުޅިފައިވާ އެއްވެސް މީހަކު، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެކެވެ. އަދި އެ ކުށަށް ލިބޭނެ އަދަބުތައްވެސް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.
އެގޮތުން ބަލާއިރު، ނުޙައްޤުން މުއްސަނދިކަން ހޯދައިފިނަމަ އޭގެ އަދަބަކީ، 5 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން، ނުހައްގު މުއްސަނދިކަމުގެ ހޯދިކަން ބަލާނެ ޙާލަތްތައްވެސް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން މައިގަނޑު ދެ ގޮތެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އެމީހަކަށް ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުން ނުވަތަ ލިބިގަތުމެވެ. އަދި ހަމައެއާއެކު، އެ މުދާ ހޯދާފައިވަނީ، ނުވަތަ ލިބިފައި ވަނީ، ގާނޫނު ހުއްދަކުރާ ގޮތުގެ މަތިންކަން ސާބިތުކޮށްނުދެވުންވެސް މިއީ ނުޙައްޤުން މުއްސަނދިކަން ހޯދުންކަމަށް ބެލެވޭނެ ޙާލަތްތަކެވެ.
ނުޙައްޤުން މުއްސަނދިކަން ހޯދުމަކީ ޤާނޫނުލްއުޤޫބާތުގައިވެސް ކުށެއްކަމުގައި އޮންނަނީ ކަނޑައަޅާފައެވެ. އެގޮތުން ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދަމަހައްޓާފައިވުން މިއީ ނުޙައްޤުން މުއްސަނދިކަން ހޯދުންކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުން ނުވަތަ މިލްކުކުރުން ނުވަތަ އެއިން ފަރާތެއްގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމާއި، އެއްވެސް މީހެއްގެ ނަމުގައި، ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުންވެސް ބެލެވެއެވެ.
ހަމައެއާއެކު، މުދާ ނުވަތަ ފައިސާ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދި މުދަލެއްކަން ނުވަތަ ފައިސާއެއްކަން ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަން އެމީހަކަށް އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށްނުދެވުންވެސް ނުޙައްޤު މުއްސަނދިކަން ކަމުގައި ބެލެވެއެވެ.
ގޭންގު ލީޑަރުންނާއި މެމްބަރުން ކަނޑައަޅައި އެ ފަރާތްތައް ސަރުކާރުގެ ވަޒީފާއަކުން ވަކިކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ގޮތަށް ސަރުކާރުން ފަރުމާ ކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ފާސްކޮށްފައިވާއިރު، ގޭންގުގެ ސިފަތައްކަމަށް މި ބިލުގައި ބުނެފައި ވަނީ ވަކި ސިޓީއެއް ގޯޅިއެއް، އަދި ޕާކެއް ފަދަ ސަރަހައްދަކީ އެފަރާތެއްގެ ތަނެއްކަމަށް ބެލެވޭ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އަދި ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ވަނީ ކަނޑައަޅާފަ އެވެ.
ކޯޓު އަމުރަކާއި ނުލައި، ތަހުގީގަށް ބޭނުންވާ ކަންކަން ކުރިޔަށް ގެންދިއުމަށް ބޮޑެތި ބާރުތަކެއް ބިލުގެ ދަށުން ފުލުހުންނަށް ދީފައި ވެއެވެ. އެގޮތުން ބޮޑެތި ކުށްތަކުގައި ތުހުމާތުވާ މީހަކަށް އޭނާ ހައްޔަރު ކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާއި އެކު އެކަހެރިކޮށް ބައްދަލުވުމުގެ ފުރުސަތު ނުދިނުން، ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުލިބުން، އެ މީހެއްގެ މައްޗަށް ތުހުމަތު ކުރވޭ ކުށް ކޮށްފާނެކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބުތައް ހުރިނަމަ ކޯޓު އަމުރަކާއި ނުލައި ހައްޔަރު ކުރން އަދި ކޯޓު އަމުރަކާއި ނުލައި ހައްޔަރު ކުރުމަށް އަމިއްލަ ތަނަކަށް ވަދެ އެ މީހަކު ހައްޔަރުކޮށް އެތަނުގައި އެ މީހާ ބަލައި ފާސްކުރެވޭނެކަމަށް ވެއެވެ. ބިލުގައި ވާގޮތުން އެގޮތަށް ފާސްކުރާއިރު، އެކަށީގެންވާ ވަގުތަކަށް ފުލުހުންނަށް ތަނުގައި މަޑު ކުރެވޭނެ އެވެ.
ބިލަށް ކޮމިޓީ މަރުހަލާގައި ގެނެސްފައިވާ ބަދަލުގެ ތެރޭގައި ޖުރިމަނާގެ އަދަދަށް މަތިކޮށް ގެނައި ބަދަލުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މާރާމާރީ ހިންގައިގެން އެ ކުރި އަމަލަކުން މީހަކު މަރުވެއްޖެ ނަމަ، މަރުގެ އަދަބު 25 އަހަރަށް ޖަލަށްލުމާ އެކު، 3 މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖުރިމަނާކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކުށް ކުރާ ގުރޫޕެއް އުފެއްދުމާއި ހިންގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 3 މިލިއަން އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ގްރޫޕުތަކުން ކުށްކުރަން ބޭނުންކުރާ ތަންތަނުގެ ވެރިފަރާތާއި އެތަން ކުއްޔަށް ނަގައިގެން އުޅޭ މީހުން އަދި އެތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.
”ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު“ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއ،ި އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް ”ޒީރޯ ޓޮލަރެންސް“ އެވެ.
ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައެވެ.

