މީހަކު ބަންދުގައި ބެހެއްޓޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާގޮތުން، ހެކި ފޮރުވުމަށް، ހެކި ބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާފާނެކަމަށް، ކޯޓަށް ހާޒިރު ނުވެދާނެކަމަށްޓަކައި، ފިލާފާނެކަމަށްޓަކައި ނުވަތަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އެމީހެއްގެ ކިބައިން އައިސްދާނެކަމަށްޓައެވެ. މިއިން ކޮންމެވެސް އެއްކަމެއް ފުރިހަމަވާނަމަ އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެވިދާނެއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިފައިވާ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ގޮސް ހުކުމަކާއި ނުލައި އެމީހަކު ދެ އަހަރު، ތިން އަހަރު ނުވަތަ ހަތަރު އަހަރު ބަންދުގައި ބަހައްޓާތަން އާދެއެވެ. އަދި އެއަށްވުރެ ގިނަ ދުވަސްވެފައި ވެސް އެބަހުއްޓެވެ. މިގޮތަށް ބަންދުގައި މިހާރުވެސް 300 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ދިގުލައިގެން ދިޔުމާއި، އެކަމުގެ ސަބަބުން އެތައް ޙައްޤަކުން އެމީހުން މަހުރޫމުވެގެންދާ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނާތީ، އެކަމަށް ހައްލެއް ހޯދުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެފަދަ ބައެއް މައްސަލަތަކަށް ބަލާއިރު، 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ބަންދު ކުރި 2 މީހަކު ބޭސްފަރުވާ ނުލިބި ޖަލުގައި ނިޔާވެފައިވެއެވެ. އަދި 7 މަހު ޖަލު ހުކުމެއް ނިންމައި، ނުކުތް މީހަކަށް ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ފައިގެ އިނގިލި ބުރިކޮށްފައި ހުރިކަން ރެކޯޑްތަކުން ފެންނަން އެބައޮތެވެ.
ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭއިރު، އެއީ މައިގަނޑު 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނެވެ. މިހާރުވެސް 400 އާ ގާތްކުރާ އަދަދަކަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ތިބޭ މީހުންނާއި، މީހުން މެރުމުގެ ދައުވާކޮށްފައި ތިބި މީހުން އަދި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. މިފަދަ މީހުން މުޖުތަމައުއަށް ދޫކޮށްލުމުން ބައެއް ފަހަރު ކުށް ތަކުރާރުވެފައިވެސް ވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން 30 ދުވަހަކުން މުރާޖައާ ކުރަން ވާނެކަމަށް ކަނޑައެޅުނެވެ. އެގޮތަށް ކަނޑައެޅުނު ކަމުގައި ވިޔަސް މިކަމަށް ދައުލަތުގެ ކަމާއިގުޅޭ އިދާރާއަކުން އެކަށީގެންވާ ގޮތަށް ހާޒިރުވާތަން ފެންނަމުން ނުދެއެވެ.
ދެން އޮތީ ޖަލުގައި ވާނުވާ ޖަހާފައި ތިބި ކުދިންގެ ތެރޭގައި ޒުވާން އުމުރުގެ ކުދިން ހިމެނުމެވެ. ހަގީގަތުގައި ޖަލަށްދާ ޒުވާނުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބުމަށްފަހު، ދޫކޮށްލާއިރު އެއަށްވުރެ ބޮޑެތި ކުށްވެރިންނަށްވެސް ވެފައި އެބަހުއްޓެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ނިންމަންވާނެ ކަމަށެވެ. އެހެންކަމުން ޤާނޫނުގައި އެ ބަޔާންކޮށްފައިވާ މަގުން އެކަން ހިނގަންވެސް ޖެހެއެވެ.
މި މައްސަލަ ޙައްލު ކުރުމަށް މި ހިނގަމުންދާ ސަރުކާރުގައި މަސައްކަތްތަކެއް ފަށާފައިވާއިރު، އެތައް އާއިލާތަކެއްގެ އުއްމީދުތައްވެސް އެކަމާ ގުޅިފައިވެއެވެ.
ހަގީގަތުގައި ޖިނާއީ މައްސަލައެއްގައި މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާއިރު، ޤާނޫނުގެ ދަށުން ޝަރީޢަތް ކުރާނެ ގޮތުގެ ތާވަލު ދައުވާލިބޭ މީހާއަށް ލިބިދޭން ޖެހެއެވެ. ނަމަވެސް އެ ތާވަލާ އެއްގޮތަށް ޝަރީއަތްތައް ކުރިއަށް ނުދާކަން މިއީ ހާމައަށް ފެންނަން އޮތް ހަގީގަތެކެވެ.
އެހެން ދިމާވާ އެއް ސަބަބަކީވެސް ކޯޓުތަކުގެ ޖާގައިގެ ދަތިކަމެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުންވެސް ވާނުވާގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، ކޯޓުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދީ، އެ މައްސަލަ ޙައްލު ކުރެވޭނެ ގޮތްތަކެއް ހައްދަވަން އެބަޖެހެއެވެ.

