އަނިޔާވެރި ޒަޔަނިސްޓް އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ޖެނޮސައިޑާ ގުޅިގެން ނަން މަޝްހޫރު ބައެއް ވިޔަފާރި ބްރޭންޑުތައް ބޮއިކޮޓްކުރުމުގެ ފުޅާ ކެމްޕޭނެއް މުޅި ދުނިޔޭގައި ފުޅާވަމުން ގޮސް ޒަޔަނިސްޓް އިޒްރޭލާއި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރި ކުންފުނިތަކުގެ އުފެއްދުންތައް ވަނީ ބޮއިކޮޓް ކުރަން ފަށާފައެވެ. އެހެންކަމުން އެކަމަށް ހައްލު ހޯދުމަށް ”ފަލަސްތީނު ކޯލާ“ގެ ނަމުގައި ބުޔުމެއް ވަނީ ތައާރަފްކޮށްފައެވެ.
ފަލަސްތީނު ކޯލާއަކީ ސުވީޑަންގެ މާލްމޯ ސިޓީގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ ތިން ބެއިންކަމުގައިވާ ހުސެންނާއި މުޙައްމަދުއާއި އަޙްމަދު ޙަސޫން ތަޢާރަފުކުރި ބްރޭންޑެކެވެ. ފަލަސްތީނު ކޯލާ އައިސްފައިވާ ގޮތަކީ، ފަލަސްތީނު ނައްތާލުމަށްޓަކައި އިޒްރޭލުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ފަލަސްތީނުގެ ނަން ކޮންމެ ތަނަކުން ވެސް ފެންނާނެހެން، އެ ނަމާއި އެ އަޑު ފޮހެވިޔަ ނުދިނުމަށްޓަކައެވެ. އެ 3 ބެއިން އިސްކޮށް ތިބެ މާކެޓަށް ނެރެފައިވާ ”ފަލަސްތީނު ކޯލާ“ އަކީ ހުދު ކުލައިގެ ދަޅެކެވެ. އަދި ރަތް އަކުރުން، ދަޅުގައި ބޮޑު އަކުރުން ފަލަސްތީނު ކޯލާ ލިޔެފައިވެއެވެ. މި ނޫންވެސް އެކި ބުޔުންތައް ވަނީ ނެރެފައެވެ.
ފަލަސްތީނު ކޯލާ ވިއްކައިގެން ލިބޭ ހުރިހާ ފައިދާއެއް ހަދިޔާ ކުރަނީ އެ ގައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީތަކަށެވެ. މި ޕްރޮޑަކްޓު ރާއްޖޭގެ ބާޒާރަށް ނެރުމަށް ތައްޔާރުވަމުން ދަނީ، އެމްއެޗްއާރު ކުންފުންޏެވެ. ފަލަސްތީން ކޯލާއިން ސޭލްސްގެ ޕްރޮފިޓްގެ 100 އިންސައްތަ ފޮނުވަނީ ޗެރިޓީތަކަށެވެ.
އެމްއެޗްއާރުން ތަރުހީބަށް ބަލައި، ފަލަސްތީން ޑްރިންކްސްގެ އިތުރު ޕްރޮޑަކްޓުތައް ރާއްޖެއަށް ގެންނާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު ވެސް ލެމަނޭޑް ފަދަ ބައެއް އެނާޖީ ބުއިންތައް ޓެސްޓު ކުރަމުންދާކަން ފާހަގަކުރި އެވެ. އެމްއެޗްއާރަކީ ހޯލްސޭލް ކުރާ ކުންފުންޏެއްކަމުން، ރާއްޖޭގެ ރަށްތަކުގެ ފިހާރަތަކުގައި ވެސް ޕްރޮޑަކްޓު ވިއްކުމުގެ ފުރުސަތު އޮންނާނެކަން ކުންފުނިން ފާހަގަކުރި އެވެ. އިޒްރޭލަށް ވާގިވެރިވާ ބައެއް ކުންފުނިތަކުގެ ޕްރޮޑަކްޓުތަކުގެ މާސް ބޮއިކޮޓް ކެމްޕެއިނެއް ކުރިޔަށް ދާއިރު، އެމްއެޗްއާރުއިން މަސައްކަތް ކުރަމުން ދަނީ އޭގެ އަލްޓަނޭޓިވް ޕްރޮޑަކްޓެއް ބާޒާރަށް ނެރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ފަލަސްތީނު ކޯލާ އުފައްދާ، ބަޒާރަށް ނެރެ، ވިއްކާ އަދި ބޭނުންކުރުމަކީ ހަމައެކަނި ވިޔަފާރިއާ ގުޅިފައިވާ ކަމެއްނޫން ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިއީ ފަލަސްތީނުގެ މައްސަލައަށް ދެވޭ އިތުރު ސަމާލުކަމެއް ކަމަށާއި އަދި އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވަނީ ބުނެފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ސީދާގޮތުން އެހީތެރިވުމަށް ހުޅުވިގެންދާ އާމަގެއްކަމަށާއި އަދި މިއީ އެ ގައުމުގެ ނަމާއި ވަސް މި ދުނިޔެއިން ފޮހެލުމަށް ޒަޔަނިސްޓުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް މުޅި ދުނިޔޭގައި ފެށިގެންވާ ވަރުގަދަ ކެމްޕޭނެކެވެ.
ފަލަސްތީނު ކޯލާއިން ލިބޭ އާމުދަނީ ބައްޓަން ކުރެވިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށާއި ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެވޭގޮތަށް ކަމަށްވާއިރު ފަލަސްތީނު ކޯލާ ބޭނުންކުރާ ކޮންމެ ފަރާތަކީ ވެސް ފަލަސްތީނު ކޯލާގެ މައިކުންފުނިން ސީދާކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިލޭއެހީއަށް އެހީތެރިވެ ވާގިވެރިވެދޭ މީހެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެ ދެވޭނެ ފަސޭހަ އަދި ލުއި ގޮތެކެވެ.
ފަލަސްތީނު ކޯލާއަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކައިދޭނެ ރަމްޒެއް ކަމަށް ފާހަގަކުރެއެވެ. އަދި ފަލަސްތީނު ކޯލާއަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙު ދިރުވައިދޭނެ ބްރޭންޑެއް ކަމަށާއި ފަލަސްތީނު ކޯލާއަކީ އިންސާނިއްޔަތުކަމާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ލޯތްބާއި ކުލުނުގެ މައްޗަށް ބިނާވެފައިވާ ބުއިމެކެވެ. މިހާތަނަށް ފަލަސްތީނު ކޯލާ ތަޢާރަފުކުރެވިފައިވާ ކޮންމެ ސަރަޙައްދަކުން ވެސް މި އުފެއްދުމުގެ ރަހައަށް ލިބިފައިވަނީ ތަޢުރީފް ކަމަށް ކުންފުނިން ބުނެއެވެ.

