ކުރީގެ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރި ފުލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ސަންގުޓީވީން މި މައްސަލައާއި ގުޅިގެން މިނިސްޓްރީއަށް ސުވާލު ކުރުމުން އެ މިނިސްޓްރީން ބުނެފައިވަނީ، އެ ކަމުގެ އެންމެ ފަހުގެ ތަފްސީލަކީ މައްސަލަތައް ބަލަމުން ދިއުންކަމަށާއި، މިނިސްޓްރީން މަސައްކަތްކުރަނީ މިމަހުގެ ނިޔަލަށް މައްސަލަތައް ނިންމާލެވޭތޯ ކަމަށެވެ. ފުލެޓު ލިސްޓު އިވެލުއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުއަރީ މަހު 27ގައެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ އޭޕްރީލް 15 ވަނަ ދުވަހުގެ ރެއަށެވެ.
އެ މުއްދަތުގެ ތެރޭގައި ޖުމުލަ މުއްދަތުގައި، 8,602 ޝަކުވާ ހުށަހެޅިއެވެ. އެއީ، ޕޯޓަލް މެދުވެރިކޮށް ހުށަހެޅި 5،236 ޝަކުވާއާއި އީމެއިލް މެދުވެރިކޮށް ހުށަހެޅި 2،840 ޝަކުވާ އަދި 526 ސިޓީއެކެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ހަތަރެއް ނޮވެމްބަރު، 2024ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ އިތުރު ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.
އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި މިދިޔަ ފެބްރުވަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ. އެގޮތުން މި ސަރުކާރުން ނިންމީ ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ.
މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. އެހެންނަމަވެސް މި ސަރުކާރުން ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

