ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެހީގެ ދަށުން 13 ޕްރޮޖެކްޓެއް ހިންގުމަށް އެމްއޯޔޫގައި ސޮއިކޮށްފި

އެމްއޯޔޫތަކުގައި ސޮއިކުރުން: ފޮޓޯ/ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެހީގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ 13 މަޝްރޫޢުއެއްގެ އެމްއޯޔޫގައި ފޮރިން މިނިސްޓްރީން ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން އެމްއޯޔޫތައް ސޮއިކުރެވިފައިވާ 13 ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ހައި އިމްޕެކްތް ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެއް ކަމަށެވެ. މި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓްރީގައިކަމަށްވާއިރު މިއީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމެއް ކަމަށް ބުނެފައިވެއެވެ.

ހިންގުމަށް ކަނޑައެޅިފައިވާ 13 މަޝްރޫޢުގެ ޖުމުލަ އަގު 100 މިލިއަން ރުފިޔާއަށް އަރާކަމަށާއި މައިގަނޑު ގޮތެއްގައި މި ޕްރޮޖެކްޓުތަކުން އަމާޒުކުރާނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށް ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ ފަރާތުން އެމްއޯޔޫތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ހަލީލްކަމަށްވާއިރު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖީ ބާލަސުބްރަމާނިއަމްއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށްވުމުން މިނިސްޓަރ މުހައްމަދު އަމީންވަނީ ތަންފީޒީ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައެވެ.

މިނިސްޓަރ ހަލީލް ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ދޭ އެހީތެރިކަމަކީ ރާއްޖޭގެ ރައްޔިތުންނަށް ޖެހިފައިވާ ބޭނުންތަކަށް ރިއާޔަތްކޮށްގެން ދޭ އެހީތަކެއްގެ ގޮތުގައި ފެނިގެންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭކަމަށާއި މިއީ ހަމައެކަނި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތްތަކެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. އެގޮތުން ކުރެވިގެންދާ މަސައްކަތްތަކަކީ ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އޮތް ބޭނުންތައް ފުދިގެންދާ އެކަމުގެ ސަބަބުން އިޖްތިމާއީ ކުރިއެރުންތަކެއް އަންނަ މަސައްކަތްތަކެއް ކަމަށް ހިއްސާކުރެއްވިއެވެ.

އެހެންކަމުން މި މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލެވުމުން ތަރައްގީގެ މަސައްކަތްތަކުގައި އިތުރު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި މިއީ ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް އެކުވެރި ގުޅުން ދައްކުވައިދޭ ކަމެއް ކަން ފާހަގަކުރެއްވިއެވެ. ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އަމީންވަނީ މުޅި ރާއްޖެ ގުޅުވާލެވޭ ގޮތަށް ހައިސްޕީޑް ފެރީ ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިވަގުތު 9 އަތޮޅެއްގައި 81 ރަށެއް ގުޅުވާލެވިފައިވކަމަށެވެ. އެހެންކަމުން އިންޑިއާ ދެމެދު ސޮއިކުރެވިފައިވާ އެމްއޯޔޫތަކުގެ ސަބަބުން އެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމަށާއި މިއީ ދެ ގައުމުގެ ދެެމެދު އޮތް ގުޅުން ހަރުދަނާވެގެންދާނެ މަސައްކަތްތަކެއް ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުން އެ ޕްރޮޖެކްޓު މީގެ ކުރިން ނިންމާލުމަށް ކަނޑައެޅިފައިވަނީ 2027 ވަނަ އަހަރަށެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއި ބާރުއެޅުއްވުމުގެ މަތިން މި އަހަރުގެ ފަހުކޮޅުގައި މަސައްކަތްތައް ނިންމާލުމަށް އަމާޒު ހިފާފައިވާކަމަށެވެ.

ދެ މިނިސްޓަރުންވެސްވަނީ އިންޑިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހިވެގެންދާކަން ހިއްސާކުރެއްވިއެވެ. މިނިސްޓަރ ހަލީލްވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުން އަދި އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށްވެސް ގުޅުން ދެމެހެއްޓެވުމަށްޓަކައި ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ހައި އިމްޕެކްތް ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން އިއުލާނުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: