މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ”ތައްޔާރު“ ގެ ނަމުގައި ހާއްސަ މަޝްރޫއެއް ފައްޓައިފިއެވެ.
ތައްުޔާރުގެ ނަމުގައި މެޓް އޮފީހުގެ އަވަސް އިންޒާރު ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތައް ފައްޓަވައިދެއްވީ އިންވައިރަމެންޓް މިނިސްޓަރ ތާރިގު އިބްރާހިމްއެވެ. މި މަޝްރޫޢުއަކީ ޔޫއެންޑީޕީގެ އިތުރުން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު ކޯޕޮރޭޝަން އެޖެންސީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
މި މަޝްރޫޢުގެ މަގުސަދަކީ ރާއްޖެއަށް ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކުގެ އިތުރުން މޫސުމީގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ޖޮންޖެހުންތަކާއި ބެހޭ މައުލޫމާތު އަވަސް ގޮތެއްގައި ފޯރުކޮށްދިނުމެވެ. އެހެންކަމުން ތައްޔާރުގެ ނަމުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ޓެކްނިކަލް ގާބިލުކަން އިތުރުކުރުމާއި މޫސުމީ މައުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމުވެސް ވަރުގަދަކުރުމަށް ކަނޑައެޅިފައިވެއެވެ. މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި މޫސުމީ މައުލޫމާތު އެއްކުރާ މަރުކަޒުތައް ގާއިމުކުރުމަށްވެސް ކަނޑައެޅިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ތާރިގު ވިދާޅުވީ، މި މަޝްރޫޢުއަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކައުތެރިކަމަށް ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތައް މެދުވެރިކޮށް މޫސުމާ ގުޅޭ މުހިންމު މައުލޫމާތު އަވަހަށް ލިބި، އެކަމަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

