ޣައްޒާގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާވެސް ސީދާ ޚިލާފު ޢަމަލުތަކެއްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ކަމަށެވެ.
މީގެ އިތުރުން، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަންވެސް މިނިސްޓްރީން ތަކުރާރު ކޮށްފައިވެއެވެ.

