ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނެވުނު އިޞްލާޙާ އެކު، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސްޕޯޓްސް އާބިޓްރޭޝަން ގާއިމްކުރުމަށް ނިންމާފިއެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްސަ ރަސްމިއްޔާތެއްގައި ތަސްދީގުކުރައްވާފައެވެ.
މި އިސްލާހުގެ ދަށުން ކުޅިވަރުގެ ދާއިރާގައި ދިމާވާ ބޭއިންސާފުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުޅިވަރު އާބިޓްރޭޝަން ގާއިމްކޮށް އަމަލުކުރުމުގެ ބާރު ކުޅިވަރު ޤާނޫނަށް ލިބިގެންދާނެއެވެ. މީގެ ކުރިން ރާއްޖޭގެ ކުޅިވަރު އޮނިގަނޑުގައި މިފަދަ މައްސަލަތައް ބަލައި އިންސާފު ހޯދޭނެ ނިޒާމެއް ނެތުމުން، ގިނަ ފަހަރު ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މި އިސްލާހުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމާއި، ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި، ރެގިއުލޭޓްކުރުމުގައި ހުރި ޤާނޫނީ ފުށުއެރުންތައް ހައްލުކުރެވޭނެއެވެ. އަދި އެކި އިދާރާތަކުގެ މަސްއޫލިއްޔަތުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްއާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރާބެހޭ ވަޒީރުގެ ދައުރާއި މަސްއޫލިއްޔަތުތަކުގައި ހުރި ތަޢާރުޒުތަކަށްވެސް މި ޤާނޫނުން ހައްލު ލިބިގެންދާނެއެވެ. މި ޤާނޫނަށް ގެނެވުނު އިސްލާހު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ކުޅިވަރުގެ ދާއިރާގެ އިސް ފަރާތްތަކާއި، އެހާރާއި މިހާރުގެ މަޝްހޫރު ކުޅިވަރުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އައު އިސްލާހާއެކު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ކުޅިވަރުގެ ދާއިރާގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

