އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިމާރާތް ބޭނުންނުކުރެވޭ ހާލަތަށްގޮސް މާދަމާއިން ފެށިގެން އޮންލައިންކޮށް އެ އޮފީހުގެ ހިދުމަތްދޭން ނިންމައިފިއެވެ.
އެ ކޮމިޝަނުން ނެރުނު އެންގުމެއްގައި ބުނެފައިވަނީ އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރިގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް މި ވަގުތު ނެތްކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން އައިކޮމްގެ މަސައްކަތްތައް ހިނގާނީ އޮންލައިންކޮށް، ގެއިން ކަމަށް ވަނީ ބުނެފައެވެ. އޮފީހުގެ އެއްވެސް ކަމަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3010990 އަށް ގުޅައި ދިނުމަށް ވަނީ އެދިފައެވެ.
ސަންގުޓީވީން މިކަމާއި ގުޅިގެން އައިކޮމްއަށް ގުޅުމުން، އެ އޮފީހުން ބުނެފައިވަނީ މުޅި އޮފީހުގައި އެއްކޮށް ފޫޖަހައިފައިވާ ކަމަށެވެ. އެގޮތުން އޮފީހުގެ ހުރިހާ މުވައްޒަފުން ބޭނުންކުރުމަށް ހުންނަނީ އެންމެ ފާހަނާއެއް ކަމަށާއި އަދި މިހާރު އެތަން ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި މީގެއިތުރަށް ސައިކޮޓަރިއާއި މީޓިންގ ރޫމުގައިވެސް ފެނުގެ އަސަރުކޮށް ވަރަށް ބޮޑަށް މުޅިތަން ސިއްހީގޮތުންވެސް އެތަނުގައި މަސައްކަތްކުރުމަށް އެކަށީގެން ނުވާވަރަށް ތަނުގެ ހާލަތު ހުރިކަމަށް ވަނީ ބުނެފައެވެ.
އައިކޮމްއިން ބުނެފައިވަނީ މިކަމުގެ ސަބަބުން ބައެއް މުވައްޒަފުންނަށް ސިއްހީގޮތުން އެކި މައްސަލަތައް ވެސް ކުރިމަތި ވެފައިވާ ކަމަށެވެ. އެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ދަށްވާން ފެށުމުން އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު، 2024 ގައި އެންމެ ފަހުން ހުއްދަ ދިނުމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.
އެހެންނަމަވެސް ބިޑުގެ އަގު 7.6 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ނޮވެމްބަރު 19، 2024 ގައި އެ މިނިސްޓްރީ އަށް ފޮނުވި ކަމަށް ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް ފަހު، އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުންޏަސް އިންފޮމޭޝަން ކޮމިޝަނަރުގެ އަހަރީ ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އައިކޮމްއަށް ސުވާލު ކުރުމުން އެ އޮފީހުން ބުނެފައިވަނީ މިހާރު ފިނޭންސް މިނިސްޓްރީން އިމާރާތެއް ހޯދުމުގެ ހުއްދަ އައިކޮމްއަށް ދީފައިވާ ކަމަށެވެ. އެހެންކަމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރަމުން ގެންދާނެ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގ. ބިއްލޫރިޖެހިގޭގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ބިއްލޫރިޖެހިގެއަށް ބަދަލުކުރީ ވަރަށް ގިނަ މަރާމާތުތަކެއް ވެސް ކޮށްގެންނެވެ. އެކަމަކު ގިނަ ދުވަސްތަކެއް ނުވެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް ވަނީ ބުނެފައެވެ.

