ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކެޔޮޅުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކެއުޅުން ބުނީ އެބޭފުޅުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާކަމަށެވެ. އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުންއައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ. އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަންވެސް ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ މަސްވެރިންނާއިއެކު ކުރިއަށް ގެންދިޔަ ދެވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުމުން ލިބުނު ޚިޔާލުތަކުގެ އަލީގައި އިޞްލާޙުތައް ވަނީ ގެނެވިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މަޤްޞަދަކީ ޤައުމީ ސިޔާސަތުތައް އެކުލަވާލުމުގައި މަސްވެރިންގެ އަޑުއަހާކަން ކަށަވަރުކުރުންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވަނީ މަސްވެރިކަމުގެދާއިރާގައި ބޭރުގެ މަސައްކަތްތެރިންގެ ބައިވެރިވުން މަދުކޮށް، ދިވެހިންގެ ދައުރު ފުޅާކުރެއްވުމަށްކަމަށް ރައީސް އޮފީހުން ބުންޏެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
1. މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެއިންތިޒާމް ހަމަޖެއްސެވުން މި ސިޔާސަތު ތަންފީޒުކުރަން ފެށީ 10 ޑިސެންބަރު 2024 ވަނަ ދުވަހުއެވެ.ފައިސާ ދޫކުރުމުގެ ސަބަބުން މަސްވެރިކަމުގެދާއިރާއަށް އިތުބާރު އަލުން ބިނާވެފައިވެއެވެ. މީގެނަތީޖާއެއްގެ ގޮތުން، ކުރިން މަސްވެރިކަން ދޫކޮށް އެހެނިހެން ދާއިރާތަކަށް ބަދަލުވެފައިވާ ގިނަ ބަޔަކު މިހާރު ވަނީ އަނބުރާ މަސްވެރިކަމުގެ ފަންނަށް އައިސްފައެވެ.
2. މަސްވެރިކަން ރަސްމީ ފަންނެއްގެ ގޮތުގައިޤަބޫލުކުރުމާއި، މާލީ އިދާރާތަކުން މަސްވެރިންނަށް ޚާއްޞަ ލޯނު އަދި ކްރެޑިޓް ސްކީމްތައް ތަޢާރަފުކުރުން
3. ސަރުކާރުން ވަނީ ކޮންމެ އަތޮޅެއްގައި އެ.ސް.ޓީ.އޯމެދުވެރިކޮށް އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެޤައުމީ މަޝްރޫޢެއް ފެށުން އެކަށައަޅާފައިވާ ސަރަޙައްދުތަކުގައި އެސްޓީއޯ މެދުވެރިކޮށް، ތެޔޮ ފޯރުކޮށްދިނުމުގެ ޤައުމީ މަޝްރޫޢު ވަނީ ފަށާފައެވެ. މިކަމުގެސަބަބުން މަސްވެރިންނަށް އަގުބޮޑުކޮށް ތެޔޮ ވިއްކާ އަމިއްލަފަރާތްތަކަށް ބަރޯސާނުވެ، ގެއާ ކައިރިން ތެޔޮ އެޅުމުގެފުރުޞަތު ލިބިގެންދާނެއެވެ. އެސް.ޓީ.އޯ އިން ތެޔޮ ބެހުމުގެޚިދުމަތް ފެށުމާއެކު، ވާދަވެރި މާޙައުލެއް އުފެދި، މުޅި ބާޒާރުގައިއަގުތައް ތިރިވެ، މަސްވެރިންގެ ހިންގުމުގެ ޚަރަދުތައްކުޑަކުރުމަށް މަގުފަހިވެގެންދާނެއެވެ.
4. 18 އައު ތަނެއްގައި ކަނޑުފަތީގެ ވަސީލަތްތައް ޤާއިމުކުރުމާއި، ކުރިން ގެއްލުންވެފައިވާ 21 ތަނެއް އަލުން އާރާސްތުކުރުން
5. މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަޢުލީމީ ކުރިއެރުން ހޯދުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން އަލަށްޤާއިމުކުރެވުނު މޯލްޑިވްސް ކޮލެޖް ފޮރ އޯޝަން އެންޑްފިޝަރީ ސައިންސަސް މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށްޚާއްޞަ އަހައްމިއްޔަތުކަމެއް ދެވެމުންދެއެވެ. ދަރިވަރުންނަށް ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިންފުރަތަމަ ޑިގްރީ ހާސިލުކުރުމުގެ ފުރުޞަތުތަނަވަސްވެގެންދާނެއެވެ. މި މަޤްޞަދުޙާޞިލުކުރުމަށްޓަކައި، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި45 ސްކޮލަރޝިޕް ވަނީ ޚާއްޞަކުރެވިފައެވެ. މިމަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ޤައުމުގެ އިޤްތިޞާދީމަޞްލަޙަތުތައް ކުރިއެރުވުމާއެކު، ޤުދުރަތީ ވަސީލަތްތައްދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ހުނަރު ލިބިފައިވާމަސްވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުންގެ އާ ޖީލެއްއުފެއްދުމެވެ.
މިބަދަލުތަކުން ޙާސިލްކުރެވުނު ކަންތައްތައް:
- 2024 އަހަރުގެ ފުރަތަމަ ކުއާޓާގައި ކިރުވާފައިވަނީ23،644.2 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އެމުއްދަތުގައި 24،902 މެޓްރިކްޓަނުގެ މަސްކިރުވާފައިވެއެވެ. ހާއްސަކޮށް ކަޅުބިލަމަސް ކިރުވި މިންވަރުއިތުރުވިކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން 2024އަހަރު ކިރުވާފައިވަނީ 19،900.1 މެޓްރިކްޓަނުގެކަޅުބިލަމަހެވެ. މި އަހަރު ކަޅުބިލަމަސް ކިރުވި މިންވަރު 6.9 އިންސައްތަ އިތުރުވިއެވެ. މިއީ 21،269.2 މެޓްރިކްޓަނެވެ.
- މަސް ކިރުވި މިންވަރުގެ އިތުރަށް މަހުގެ އުފެއްދުންތައްއެކްސްޕޯޓުކުރި މިންވަރުވެސް މި އަހަރު އިތުރުވިއެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ތިން މަހުއެކްސްޕޯޓުކުރީ 14،259.9 މެޓްރިކްޓަނުގެ މަހެވެ. މިއަހަރު51.5 އިންސައްތައަށް އިތުރުވެ، 21،599.4 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓުކުރިއެވެ.
- ކަޅުބިލަމަހުގެ އެކްސްޕޯޓަށް ނިމުނު އަހަރަށް ބަލާއިރު 9،1017.1 މެޓްރިކްޓަނުގެ ކަޅުބިލަމަސްވަނީއެކްސްޕޯޓްކޮށްފައެވެ. މި އަހަރު 64.9 އިންސައްތައިގެކުރިއެރުމާއެކު 16،323.4 މެޓްރިކްޓަނުގެ ކަޅުބިލަމަސްބޭރުކޮށްފައިވެއެވެ. ބޮޑުކަންނެލީގެ އެކްސްޕޯޓުވެސް 5.2 އިންސައްތަ އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރު 2،899.9 މެޓްރިކްޓަނުގެ ބޮޑުކަންނެލިއެކްސްޕޯޓުކުރިއިރު، 3،250.1 މެޓްރިކްޓަނުގެބޮޑުކަންނެލި މި އަހަރުގެ އެ މުއްދަތުގައިއެކްސްޕޯޓުކުރިއެވެ.
- ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރެސްކިއު ޑައިވަރޕްރޮގްރާމް ތަޢާރަފުކުރުން: މިހާތަނަށް 56 އުޅަނދަކުން 56 ޑައިވަރުން ވަނީ ތަމްރީނުކުރެވިފައެވެ.
- ފައިސާގެ ގޮތުން ބަލާއިރު ނިމުނު އަހަރުގެ ފުރަތަމަކުއާޓާގައި އެކްސްޕޯޓުކޮށްފައިވަނީ 28.1 މިލިއަން ޑޮލަރުނުވަތަ 433.3 މިލިއަން ރުފިޔާގެ މަހާއި މަހުގެއުފެއްދުންތަކެވެ. މި އަހަރު ބޭރުކުރި މަހާއި މަހުގެއުފެއްދުންތަކުގެ އަގު 22.3 އިންސައްތައިގެ ކުރިއެރުމާއި އެކު 34.3 މިލިއަން ޑޮލަރަށް ނުވަތަ 528.9 މިލިއަންރުފިޔާއަށް އަރައެވެ.

