ހދ. ކުޅުދުއްފުށީގެ ބަނދަރުގެ އެކްސްޓެންޝަން ޕްރޮޖެކްޓުގެ މަސައްކަތްތައް ފެށުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާންއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ އެކި ރަށްތައް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.
މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ހއ، ހދ، ށ އަދި ނ އަތޮޅާއި އެ އަތޮޅުތަކުގެ ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށް، ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްސަ ލޮޖިސްޓިކްސް ހަބެއް ތަރައްޤީކުރުމެވެ.
މި މަޝްރޫޢަކީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫޢެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މީގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އަދި މީގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ ތަރުކާރީއާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ސްޓޯކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމަށްވެސް ވަނީ ރޭވިފައިކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދެވެ.

