ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި ކުރެއްވި މަސައްކަތާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްގެ ހާޢްސަ އެވޯޑެއް، ރައީސްއަށް އަރުވައިފި އެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ، ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި ދުންފަތުން ދުރުކުރެވިފައިވާ ޖީލެއް އުފެއްދުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ.
ސަރުކާރުން އިތުރަށް ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގައި ޒުވާން އުމުރުފުރާގެ ފަރާތްތަކަސް ދުންފަތުގެ ނުރައްކަލުްނ ސަލާމަތްކުރުމަށް ރައީސް އަޅުއްވާ ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ފާހަގަކުރައްވާކަމަށެވެ. އަދި ރާއްޖެއަށް ދާދިފަހުން ވުޖޫދަށް އައި ޖެނެރޭޝަނަލް ބޭން ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްވެސް ޑަބްލިޔުއެޗްއޯ ގެ ދެކުނުއޭޝިއާ ސަރަހައްދުން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެ ވަނީ، ދެކުނު އޭޝިއާގައި ޖެނެރޭޝަނަލް ބޭންން ގެންނަނަށް ނިންމި ފުރަތަމަ ޤައުމުގެ މަގާމު ހާސިލުކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެޕް މަނާކޮށްފައިވާއިރު، ދުންފަތުގެ ޑިއުޓީ ބޮޑުކޮށް، 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ކުން އުފަންވާ އަދި އެޔަށް ފަހު އުފަންވާ ހުރިހާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، ގަތުމާއި އަދި ވިއްކުންވެސް މަނާވެގެންދެއެވެ.

