ނޫސްވެރިންނާއި ފުލުހުންގެ މުއައްސަސާ ދެމެދު ތެދުވެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ދެފުށް ފެންނަ މާހައުލެއް ބިނާކުރުމަށް އެދިވަޑައިގަންނަވާކަމަށް ކޮމިޝަނަރުގެ މަގާމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ހަފްލާގައި ވާހަކަދައްކަވަމުން ވަގުތީގޮތުން ކޮމިޝަނަރުކަމުގެ މަގާމާއި ހަވާލުވެ ހުންނެވި ނަވީން ވިދާޅުވީ، މި ހަފްލާއަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ގަސްތުކުރި ހަރަކާތެއްކަމަށެވެ. އަދި މިއީ ރާއްޖޭގައި އަމާން މާހައުލެއް ގާއިމުކުރުމަށްޓަކައި ފުލުހުންނާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ރީސެޓްކޮށް އަލުން ފެށުމަށް ބޭނުންވާ ރެއެއްކަމަށް ހިއްސާކުރެއްވިއެވެ.
ނަވީން ވިދާޅުވީ، މި ހަފްލާގެ ސަބަބުން ގުޅުން ހަރުދަނާވެ އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ގަބޫލުކުރައްވާކަމަށާއި ނޫސްވެރިންގެ ބަހުން ކިޔާ ތްރީ ޓީކަމަށްވާ ޓްރަސްޓް ޓްރާންސްޕެރެންސީ އަދި ޓްރުތް ގާއިމުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ. ސީޕީ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި ނޫސްވެރިންވެސް އެކަން ވެގެންދިއުމަށް އެދޭކަމަށާއި އެހެންކަމުން މިއީ ތެދުވެރިކަމާއިއެކު އިތުބާރު ގާއިމުކޮށް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، އެންމެ ފުރަތަމަ ނޫސްވެރިންނާއި ބައްދަލުކުރައްވަން ފެއްޓެވީ ވަރަށް ޖޫނިއާރ ރޭންކުތަކެއްގައި އުޅުއްވަމުންކަމަށެވެ. އަދި އޭރު މިހާރު ބާއްވާ ގޮތަށް ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ނުގެންދާކަމަށާއި ޓީވީއެމްއަށް މައުލޫމާތު ދިނުމުގެ ގޮތުން އަރަމުންދިއުމަށްފަހު މަޑުމަޑުން ނޫސްވެރިންގެ ބައްދަލުވުންތަކަށް އަރަން ފެށުނުކަމަށް ހިއްސާކުރެއްވިއެވެ.
ނަވީން ވިދާޅުވީ، ފުލުހުންގެ ޔުނިފޯމު ލުމުން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަތައް ހިއްސާކުރުމުގެ ހިތްވަރު އޮޓަމެޓިކުން ލިބިގެން ނުދާކަމަށެވެ. އަދި ނޫސްވެރިން އަހާ ކޮންމެ ސުވާލަކަށް ޖަވާބެއް ނުވެސް އޮންނަކަމަށާއި އެކަން ދަސްވީ ތަޖުރިބާއިންކަމަށް ފާހަގަކުރެއްވިއެވެ.
ނަވީން ވިދާޅުވީ، ރާއްޖޭގައި ބޮޑެތި ކަންކަން ދިމާވެގެން އުޅުނު ވަގުތުތަކުގައި ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށެވެ. އެގޮތުން މާލެއަށް ފެނުގެ ދަތިކަން ކުރިމަތިވެގެންދިޔަ ހާދިސާ އަދި އިންތިހާބީ މަސްރަހު ހޫނުވެގެންދިއުން ނޫނީ ކޮވިޑްގެ ހާލަތު ކަމަށްވީނަމަވެސް ވަރަށް ގާތުން މަސައްކަތް ކުރަން ޖެހުނުކަމަށް މައުލޫމާތު ދެއްވިއެވެ.

