ރިޒޯޓެއްގެ ނެރުކައިރީގައި ފީނަން އޮތް ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެމީހާގެ އަތްބުރިވެ ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ޝިޔާމް ވޯލްޑް ގެ ނެރުފައިކަށި ކައިރީގައި ފީނަން އޮތް ބިދޭސީއެއްގެ ގައިމަތިން އެރިސޯޓަށް ވަންނަން އައި ލޯންޗެއް ގޮސް، އެމީހާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެ ބިދޭސީ މީހާގެ އެއް އަތް އެއްކޮށް ބުރިވެ އަދި ދެފައި ބިދި އަދި ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޯންޗުގެ ބުރަފަތިން ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ނ އަތޮޅުގައި ހިންގާ ރިޒޯޓެއްގެ ނެރުކައިރީގައި ފީނަން އުޅުނު ބައެއްގެ ތެރެއިން ބަންގްލަދޭޝް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކުރެވި، ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅިގެން ޙާދިސާ ހިނގި ސަރަޙައްދު ދެފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް އަނިޔާވި މީހާގެ ބުރިވި އަތް ފެނިފައިނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތާއި، މި މައްސަލައިގައި ހުރި ހެކިތަކަށް ބަލައި މިހާތަނަށް އަދި މީހަކާމެދު ފިޔަވަޅެއް އަޅާފައިނުވިނަމަވެސް، ތަހުގީގުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަކުރުމަށްފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޅ. ގާއެރި ފަޅު ކައިރީ ފީނަން ނުކުމެ އުޅުނު ޑިންގީއެއްގައި ލޯންޗަކުން ޖެހި ޑިންގީގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއްވީ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

