ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ބ.އަތޮޅުގައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ފަށައިފިއެވެ.
ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ޑީއެންއާރުން މައުލޫމާތު ދެމުން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅެއްގައި ނުވަތަ އަތޮޅު ވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ބ. ދަރަވަންދޫއާއި އޭދަފުށި ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް، ދޫކުރުމުގެ ހިދުމަތައް މިހާރު ލިބެމުންދާނެކަމަށް ވަނީ ބުނެފަ އެވެ.
ޑީއެންއާރްއިން ބުނެފައި ވަނީ، ބ. އަތޮޅުގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމުން، ރަށުގައި ތިބެގެން އައިޑީ ކާޑު ހެދުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. އަދި އައިޑީކާޑުގެ ހިދުމަތްތައް ލިބުން އަވަސްވެ، ހަރުދަނާވެގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
އައިޑިކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތްތައް މާލެ ސަރަހައްދުން ބޭރުން ލިބޭނެ އިންތިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ފަހަރަށް ފެށީ ގއ. ވިލިނގިލީގައެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާލެއިން ބޭރުން އައިޑީކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތްތައް ރައްޔިތުންނަށް ލިބެނޭ އިންތިޒާމެއް ކަނޑައެޅުކަމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

