މި ވެރިކަން ކުރަމުންދަނީ ވައުދުވީގޮތަށް ނޫންކަމަށާއި އެހެންކަމުން ވެރިކަމުން ދުރުކުރުން ލާޒިމުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މަރަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ނަތީޖާއިން ފެނިގެންދިޔައީ އައްޑޫގެ ރައްޔިތުން އެމްޑީޕީއަށް އަގުލަބިއްޔަތު ދިން މަންޒަރުކަމަށެވެ. މެމްބަރު ވިދާޅުވީ، އައްޑޫގައި ތިބި އެމްޑީޕީއަށް ވޯޓު ދިން މީހުން ނޫން އެހެނިހެން ރައްޔިތުންވަނީ ދޮގު ވައުދުތަކާއި މަކަރާ ހީލަތުގައި ޖެހި ވޯޓުތަކެއް ދީފައިކަަމަށެވެ.
މައުރޫފް ވިދާޅުވީ، މިއަދާއި ހަމައަށް ދޮގު ހެދުމުގެ ވާހަކަތައް ދައްކަމުން އައިސްފައިވަނީ މީގެން ދުވަހަކު ރާއްޖޭގެ ތާރީހުގައިވެސް އެފަދަ ވާހަކަތަކެއް ނުދެކެވޭ މިންވަރަށްކަމަށެވެ. މެމްބަރު ވިދާޅުވީ، ވެރި މީހާއިން ފެށިގެން ޕާޓީގެ ކުނި ކަހާ މީހާއާއި ޖެހެންދެންވެސް ހައްދެއް ނެތި ދޮގު ހަދަމުންދާކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި 2500 ވައުދަކީ ދޮގުތަކެއްގެ ގޮތުގައި މިހާރު ރައްޔިތުން ބަލައިގަންނަކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އެއަށްފަހު ވެރިކަމަށް އައިސްވެސް އިތުރު 1500 ވައުދުވެފައިވާކަމަށާއި އެއީ އިތުރު 1500 ދޮގުކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މަޖިލީހަށް ބަޔާނެއް އިއްވަން ގެނައުމުންވެސް އިވިގެންދަނީ ދޮގުތަކެއް ކަމަށެވެ. އެހެންކަމުން އެ މިންވަރަށް ދޮގު ހަދާ ފަރާތެއް ވެރިކަމުގައި ބަހައްޓައިގެން ތިބެން ހެޔޮ ނުވާނެކަމަށް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަންޖެހޭކަމަށާއި ވެރިކަން ކުރަމުންދަނީ ވައުދުވިގޮތަށް ނޫންކަަމަށެވެ. މެމްބަރު ވިދާޅުވީ، އެ ހާލަތުގައި ވެރިކަމުން ދުރުކުރުން ލާޒިމުވެގެންދާކަމަށާއި އެއީ އިދިކޮޅު ޕާޓީގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ، ޕީއެންސީންވަނީ ވެރިކަމަށް އައުމާއިއެކު ގާނޫނުއަސާސީ ފުނޑުކޮށްލާފައިކަަމަށެވެ. އަދި ގާނޫނުއަސީސީން ބާރުވެރިކޮށްފައިވާ މެމްބަރުންވެސް ތަޅުލައި ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާކަމަށް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށްފަހު ސުޕްރީމް ކޯޓުވެސް އެ ހާލަތަށް ގެނެސްފައިވާކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެއްކޮށް ސުންނާފަތިކޮށްލުމުންވެސް ބަލަހައްޓައިގެން ތިބެންވީތޯ ސުވާލުކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ބަލަހައްޓައިގެން ނުހުރެވޭނެކަމަށާއި މިކަމާއިމެދު ރައްޔިތުން ވިސްނުމަށް ގޮވާލިއިރު އައްޑޫގެ ރައްޔިތުންގެ އިސްނެގުމާއިއެކު މި ވެރިކަން ބަދަލުކުރުމަށްޓަކައި މިހާރު މަސައްކަތްތައް ފެށުމަށްވެސް ގޮވާލެއްވިއެވެ.

