ސްޕޮންސަރުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިވާ ގޮތަށް ޝޯ ބޭއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޓޫ އޮފް އަސް ބޭންޑުން ބުނެފިއެވެ.
އިންޑިއާގެ މިއުޒިކް ރިއާލިޓީ ޝޯއެއްގައި ވާދަކޮށް ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހާސިލުކޮށްދީފައިވާ ޓޫއޮފްއަސްއިން ވަނީ ދިވެހިންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި ތާއީދުކުރާ ފަރާތްތަކާއިއެކު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ރާއްޖޭގައިވެސް ޝޯއެއް ބޭއްވުމަށް ނިންމާފައެވެ. ބައިނަލްއަގުވާމީ ފަންނާނުންވެސް ހިމެނޭހެން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އޮލިިމްޕަހުގައެވެ.
ޝޯގެ އިތުރު މައުލޫމާތުތައް ހިއްސާކޮށް ޓޫއޮފްއަސްއިން އާންމުކޮށްފައިވާގޮތުން މިހާރު ސޯ ބެއްލެވުމަށްޓަކައި ބޭނުންވާ ޓިކެޓުތަކުގެ އަގު ވަނީ ހެޔޮކުރެވިފައެވެ. އެގޮތުން ވީއައިޕީ ސީޓިންގް އަދި ސުވަނިއަރޒްއާއި މީޓް އެންޑް ގްރީޓް އިންޑިއަން ސްނެކްސް އާއި ރޭގަނޑު ކެއުމެއްވެސް ހިމެނޭ ގޮތަށް ދޫކުރާ ޕްލެޓިނަމް ޓިކެޓުތަކުގެ އަގު މިހާރު 1000 ރުފިޔާއަށް ވަނީ ހަމަޖައްސާފަ އެވެ.
މި ޓިކެޓު ނަންގަވާ ފަރާތްތައް 10،000 ރުފިޔާގެ އިނާމެއް ވެސް ލިބިގެން ދާނެ އެވެ.
ގޯލްޑް ޓިކެޓުގެ އަގު 500 ރުފިޔާއަށް ބަދަލުކޮށްފައިވާއިރު މި ޓިކެޓުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ގިފްޓްސް އަދި އިންޑިއަން ސްނެކްސްއާއި ޑްރިންކްސްވެސް ލިބޭނެކަމަށާއި 5000 ރުފިޔާގެ ލަކީޑްރޯއެއްގައި ބައިވެރިކުރެވޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ބްރޮންޒް ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ 250 ރުފިޔާއަށެވެ. މި ޓިކެޓުތައް ނެގުމުން އެންޓްރީގެ އިތުރުން ސުވަނިއަރޒް އަދި 2000 ރުފިޔާގެ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ސޯ ބާއްވާނީ މޭ މަހުގެ 23 ވަނަ ދުވަހުގެ 20:00 ގައިކަމަށްވާއިރު https://2ofus.live މެދުވެރިކޮށް ޓިކެޓު ބައްލަވައިގަނެވޭނެކަމަށް ބުނެފައިވެއެވެ.

