ސްރީލަންކާގެ ހައި ކޮމިޝަނުން ރާއްޖޭގައި ފުޓްސެލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ސްރީލަންކާގެ ހައި ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް ޓޯނަމެންޓަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. މިހާރު މި މުބާރާތަށް ބޭނުންވާ މެޗު ޑްރޯ ނިންމާފައިވާއިރު މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހައި ކޮމިޝަންގެ އިމާރާތުގައެވެ.
މި މުބާރާތަކީ ރާއްޖޭގައި އެ ގައުމުން ބާއްވާ މިފަދަ ފުރަތަމަ ފުޓްސަލް ޓޯނަމެންޓެވެ. މި މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ 23 ވަނަ ދުވަހުގައިކަމަށްވާއިރު ހެނދުނު 8:00ގައި ފެށިގެންދާނެކަން ފާހަގަކުރެވެއެވެ. ޗީފް ގެސްޓެއްގެ ގޮތުގައި ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާގް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ލަންކާގެ ހައި ކޮމިޝަނަރުވެސް ބައިވެރިވެވަޑައިގަންނަވާނެކަން ފާހަގަކޮށްލެވެއެވެ.
16 ޓީމަކުން ވާދަކުރާ މި މުބާރާތުގައި ތިން ވަނައެއް ހޮވާއިރު އެއްވަނަ ލިބޭ ޓީމަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި އެއަރ ޓިކެޓެއްގެ އިތުރުން މެޑަލް އަދި ތަށި ހަވާލުކުރުންވެސް ކުރިއަށް ގެންދިއުމަށް ކަނޑައޅިފައިވެއެވެ. މުބާރާތަށް އެންޓްރީ ފީއަކީ 500 ރުފިޔާއެވެ.

