ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި ދެ އިދާރާގެ ބައިވެރިވުން އިތުރުކުރެވިގެންދާނެއެވެ.
މި އެމްއޯޔޫގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޒް އަހްމަދު ސިއްދޭގެ އެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ބޯޑުގެ ޗެއާރޕާސަން އަދި މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛާ ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ. މި ރަސްމިއްޔާތުގައި ދެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޑީޖޭޖޭއަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިވާ ކުދިންނަށާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެ އެހީތެރިކަން އަވަސް މިނެއްގައި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޑީޖޭޖޭއިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދެ އިދާރާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންޑީއޭގެ ބޯޑު ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވީ، ”މި އެއްބަސްވުމުގެ ސަބަބުން ދެ އިދާރާގައި ހުރި ފަންނީ ތަޖުރިބާއާއި ހުނަރާއި ޤާބިލްކަން ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ މަގު ފަހިވެގެންދާނެ“ ކަމަށެވެ. އަދި މީގެ ސަބަބުން ދެ އިދާރާއިން ކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭ ބާރުމިން އަވަސްވެ، ދެ އިދާރާއަށްވެސް މަންފާކުރާނެ ކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ދިމާވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

