ދުންފަތުން އާމްދަނީއެއް ހޯދުމަށް އެދިވަޑައިނުގަންނަވާކަމަށާއި އެންމެ ރަަނގަޅީ ރާއްޖެއަށް އެއްވެސް ދުންފަތުގެ ބާވަތެއް އެތެރެނުކުރުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް އެންމެ ރަނގަޅީ ރާއްޖެއަށް ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެކުރުމުގެ މަސައްކަތްތައް ނުކުރުންކަމަށެވެ. އަދި އެ ދާއިރާއިން އާމްދަނީއެއް ހޯދުމަށް ވިސްނުންތަކެއް ނުގެންގުޅުއްވާކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ދާއިރާއިން އެއްޗެއް ލިބިގެންދާނަމަ އެ ފައިސާ ހޭދަކުރަން ވިސްނާފައިވަނީ އާންމު ސިއްހަތު ރަނގަޅުކުރުމުގެ މަސައްކަތްތަކަށް ކަމަށެވެ. އެގޮތުން ހޭލުންތެރި ކުރުމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުމުގެ މަސައްކަތްތަކަށްވެސް ހޭދަކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ލިބޭ އެއްޗެއް ހަރަދު ކުރާނީ އެ މަގުންކަމަށާއި ދުންފަތާއި އެ ބާވަތުގެ ތަކެތި އެތެރެކުރުން އެއްކޮށް މަނާނު ކުރި ނަމަވެސް ވަރަށް ބޮޑުތަކުން އަގުބޮޑުކުރެވިފައިވާކަމަށެވެ. އެހެންކަމުން އެތެރެކުރާ ބަޔަކު ތިބޭނެކަމަށްވުމުން ލިބޭ ޑިއުޓީއެއްވެސް އޮންނާނެކަމަށާއި ބަޖެޓުގައި އެ އަދަދު ހިމަނަން ޖެހޭނެކަމަށް މައުލޫމާތު ދެއްވިއެވެ.
ބްލެކް މާކެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެހެނިހެން ގައުމުތަކުގައި ބްލެކް މާކެޓުގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވުމަކީ ރާއްޖޭގައި އެކަން ހައްލުނުވާނެކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ގައުމެއްގައިވެސް ހާލަތު ތަފާތުކަމަށާއި ރާއްޖެއަކީ ފަސް ލައްކަ މީހުންވެސް ހަމަނުވާ ގައުމެއްކަމަށެވެ.
ރައީސް ވިދާޅުވީ، އެއް ދީނަކަށް ތަބާވެ އެއް ބަހަކުން ވާހަކަދައްކާ އެއް ބައެއްގެ ގޮތުގައި އޮންނަ އެހެން ގައުމެއް ދުނިޔޭގައިވެސް ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ޔުނީކް ގައުމެއްކަމަށްވުމުން އެމަގުން ހައްލުތައްވެސް ހޯދިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ވަގަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް އަތުލެވޭ މިންވަރު އިތުރުވެގެން ގޮސްފައިވަނީ މައްސަލަ ހައްލުކުރުމަށްޓަކައި ދެވޭ ސަމާލުކަން ބޮޑުވެފައިވުމުންކަމަށެވެ. ރައީސް ވިދާޅުވީ، ކުރިއަށްވުރެ ބޮޑު ސަމާލުކަމެއް ދީގެން ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރެވެމުންދާކަމަށާއި އެ މަސައްކަތްތައް އެތައް ގުނައެއް ހަރުދަނާކުރެވިފައިވާކަމަށެވެ.

