އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާދަވެރި މާހައުލެއްގައި 3000 އަށްވުރެ ގިނަ އައިޓެމް ހުށައެޅިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން އެ މިނިސްޓްރީން މިހާރުދަނީ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންކަމަށެވެ. އަދި މި މައުރަޒްގައި ރާއްޖޭގައި އުފެދޭ ނޫނީ އުފައްދާ ގިނަ ބާވަތްތަކެއް ހިމެނި ޝޯކޭސްކުރެވިގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުން މި މައުރަޒުގައި ކްރިއޭޓިވް ފަރާތްތަކުން ތައްޔާރުކުރާ ހުރިހާ ބާވަތްތަކެއް ބައިވެރިކޮށްފައިވާކަމަށާއި މީގެ ތެރޭގައި ވާދަކުރާ ބަޔަކާ ޝޯކޭސްގެ ގޮތުގައި ކުރިއަށް ގެންދާ ބައެއްވެސް ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ވާދަކުރުމުގެ ބައިގައި 3000 އަށްވުރެ ގިނަ އައިޓެމް ބައިވެރިކޮށްފައިވާއިރު ޖަޖްކުރުމަށްފަހު އިނާމު ދިނުމުގެ މަސައްކަތްތައްވެސް ކުރުމަށް ކަނޑައެޅިފައިވެއެވެ.
ޝޯކޭސް ކުރާ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ގަހަނާ އާއި ޑިޖިޓަލް ޕްރޮޑަކްތުތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިންވެސް ހިމެނޭއިރު ދިވެހިންގެ މަސައްކަތްތެރިކަން މިކަމުގެ ތެރެއިން ފެނިގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި މައުރަޒުގެ ތެރެއިން ލައިވްކޮށް އެކި މަސައްކަތްތައް ކުރަމުންދާތަން ފެނިގެންދާނެކަމަށްވެސް ހިއްސާކޮށްފައިވާއިރު މިކަމުގެ މަގުސަދަކީ ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކުރުމާއި މަސައްކަތްތަކަށް ޝައުގުވެރިކަން ޖެއްސުމަށްކަމަށް މައުލޫމާތު ދީފައިވެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ މަތިން މި މައުރަޒު ކުރިއަށް ގެންދާނީ އަހަރުން އަހަރަށް ފުޅާކުރެވިގެންދާ މައުރަޒެއްގެ ގޮތުގައިކަމަށްވެސް ބުނެފައިވެއެވެ. އަދި ރައީސް ޑރ މުއިއްޒުވަނީ މި މައުރަޒަކީ ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެވެސް ބައިވެރިވުން އޮންނަ ގޮތަށް ކުރިއަށް ގެންދާ މަސައްކަތްތަކެއްގެ ގޮތުގައި އިންތިޒާމުކުރުމަށް ނިންމާފައިކަމަށްވެސް ފާހަގަކުރިއެވެ.

