ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ފުޅާ ދާއިރާއެއްގައި ކުރިއަރުވަން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި މައުރަޒަށް ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ގޮސްފައިވެއެވެ. މިގޮތުން ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކަށް ދަތުރުކޮށް، އަތޮޅު ކައުންސިލްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުނީ 1944 ވަނަ އަހަރުގައެވެ. އެއީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ރަސްކަމުގައި، ވަލީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން، އޭރުގެ ސަރުކާރާ ހަވާލުވެ ހުންނެވި މުހައްމަދު އަމީން ދީދީ ކުރިއަށް ގެންދެވި މައުރަޒެކެވެ.
”އެ ދުވަސްވަރަކީ ދިވެހި ތާރީޚުގައި ނަން މަޝްހޫރު ބޮޑު ތަދުގެ ދުވަސްވަރު ކަމަށްވުމާއެކު، ދިވެހީންގެ އިޤްތިޞާދު ހީނަރުވެ، ޤައުމުގެ މާލިއްޔާގެ ދަރަޖަ ކަންބޮޑުވާ ވަރަށް ވެއްޓިފައި އޮތް ތަންވަޅެއް،“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 1990 ވަނަ އަހަރު، ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު އުފާވެރި އަހަރުގައި، 28 ވަނަ ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ މައުރަޒު ބޭއްވުނެވެ. އޭރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 250 މިލިއަން ޑޮލަރުގައެވެ.
އަދި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު 17 ނޮވެމްބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނަށް ވާރުތަވީ ވަރަށް ބޮޑެތި ގޮންޖެހުންތަކެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ގޮންޖެހުންތައް ހިމެނެއެވެ.

