ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.
ރަން ވަނަ (މުޅި މަޢުރަޒުން އެންމެ މަތިން މަރކްސް ލިބުނު 5 އުފެއްދުން) ޙާޞިލްކުރެއްވި ފަރާތްތަކަކީ
1. ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
2. އަބުޑީ މޯލްޑިވްސް
3. މޯލްޑިވްސް ޕޮލިޓެކްނިކް
4. މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
5. ޢަލީ މާހިރު
މި ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު“ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024ގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

