މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙް ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފިއެވެ.
މިއަދު މެންދުރު ރާއްޖެ ވަޑައިގެންނެވި މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.
މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ހައްޖު މިނިސްޓްރީއާއި، އިމިގްރޭޝަންއާއި، ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުން ހިމެނެ އެވެ.
ދިވެހި ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފްކުރާ މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށް ދެއްވާނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައި ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ ކަން ދެވިގެންނެވެ.
މިއީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބެމުންދާ ހިދުމަތްތައް ލުއި ފަސޭހަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ.

