މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ބަންދަން މިއަދު ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފި އެވެ.
ބަންދުގައި ހުއްޓައި ރައުދު ދޫކޮށްލުމަށް ފަހު، އަލުން ހައްޔަރު ކުރީ ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ އެވެ. އަދި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައުދު ބަންދުން ދޫކޮށްލީ، ބަންދު ކުރުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ އޭނާގެ ފަރާތުން ހައިކޯޓަށް މައްސަލައެއް ހުށަޙަޅާފައި ވަނިކޮށެވެ. އަދި އިއްޔެގެ މެންދުރަށް ހައިކޯޓުގައި އިސްތިއުނާފު އަޑުއެހުން ތާވަލު ކުރުމުން، އޭނާ ބަންދުން ދޫކޮށްލުމާއި އެކު ހައިކޯޓުގައި އޮތް މައްސަލަ ވެސް އަނބުރާ ގެންދިޔަ އެވެ.
އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރު ކުރިއިރު، އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ލަފާގެ މަތީންނެވެ.
ރައުދުގެ ބަންދަށް ފުލުހުން އެކި ފަހަރު މަތީން ބަންދުން ޖަހަމުން ގޮސް، އެންމެ ފަހުން އިތުރު ކުރީ 20 ދުވަހެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ޖެހި ބަންދުގެ މުއްދަތު އިޖުރާއަތުތަކާއި ހުލާފުކަމަށް ބުނެ ރައުދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ. ރައުދު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، ދަށު ކޯޓުގެ އަމުރު ބާތިލުކޮށް، އޭނާ ބަންދުން ދޫކޮށްލަދިނުމަށެވެ.
އިތުރު އެހެން އިސްތިއުނާފީ ނުކުތާތައް ވެސް ހުށަހަޅައި މައްސަލައިގައި ބުނެފައި ވަނީ، ރައުދު ބަންދު ކުރުމަށް ފުލުހުން ހަވާލާދީފައި ވަނީ ގޯސް މާއްދާއަކަށް ކަމަށެވެ. އަދި އޭގެ ފަހުން އެއީ އޮޅުމެއްކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާއި ހަވާލާދީ ސްޓޭންޑު ބަދަލު ކުރިކަމަށް ވެއެވެ.
މީގެއިތުރުން ބަންދު މަޖިލީހުގައި އިނެންވި ގާޒީ އަމިއްލައަށް ދެ ހަސްމުން ހުށަނާޅާ މާއްދައަކާއި ހަވާލާދީ ބަންދުގެ މުއްދަތު ޖެހުމާއި، ގާޒީ ހަވާލާދީން މާއްދާގައި ބަޔާން ކުރާ ގޮތާއި ހިލާފަށް މުއްދަތު ދިނުން ވެސް ހިމެނެ އެވެ. އަދި އާ ހެއްކެއް ހުށަހަޅާފައި ނެތީސް ކުށުގެ ދަރަޖަ މަތި ކުރިކަމަށް އިސްތިއުނާފީ ނުކުތާގައި ވެއެވެ.
މި މައްސަލައިގައި އަޑުއެހުންތައް ފަށަން ގާތްވެފައި ވަނިކޮށް، ރައުދު ބަންދުން ދޫކޮށްލީ ދަށު ކޯޓުގެ އަމުރު ބާތިލުވުމުގެ ފުރުސަތު އޮތުމުންކަމަށް ބެލެވެ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ނެރުނު އަމުރުގައި ވާގޮތުގައި، އެރޭ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ ހިއްސާއެއް ވެދާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މައްސަލައިގެ އައިއޯއާއި ހަވާލާދީ ކޯޓު އަމުރުގައި ވަނީ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭކަމަށާއި ”ވެއްޓުނީކަމަށް ބެލެވޭކަމަށް“ ބުނެފަ އެވެ.
ރައުދު ހައްޔަރު ކުރީ އޭނާއަކީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު ހުރި މީހާކަމަށްވުމާއި އެކު، އޭނާއާއި ސުވާލު ނުކުރާތީ އިހުތިޖާޖު ވެސް ކުރަމުން ދަނިކޮށެވެ. އަދި މަސްތުވާތަކެއްޗެއް ވެސް ޕޮޒިޓިވެފައި ވާތީ އެ މައްސަލަ ކުރިޔަށް ގެންދޭތޯ ސުވާލު އުފެއްދި އެވެ.
މަސްތުގެ ހާލަތުގައި ތިބެ ރައުދުއާއި، ޔުމްނު އެރޭ ވަދެފައިވާ ފެންޓެނޯއީއަކީ ދެ މީހުންނާއި ވެސް ގުޅުމެއް ނެތް ގެއެއްކަމަށް ފުލުހުން ބުނެ އެވެ. އެރޭ ދެ މީހުން އެ ގޭގެ ބައެއް ފްލޯތަކުގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުލުހުން އާންމު ކުރި ނަމަވެސް އިތުރު ބައެއް އެގޭގައި އުޅުނުކަމަށް ވާހަކަ ދެކެވުނެވެ.
މީގެ ދެ ރޭ ކުރިން އާއިލާއިން އާންމު ކުރި ޕްރެސް ވީޑިއޯއެއްގައި ޔުމްނުއާއި ހަވާލާދީ ބުނި ގޮތުގައި އެއީ ކުރިން އޭނާ ގޮސް އުޅުނު ގެއެކެވެ. އަދި އެރޭ އެގޭގައި ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ވެސް އުޅުނުކަމަށް ވަނީ ބުނެފަ އެވެ. އާއިލާއިން ބުނެފައި ވަނީ ފެންޓެނޯއީއަށް އައުމަށް ގޭގެ ލޮކޭޝަން ޔުމްނުއަށް ފޮނުވީ ޔައްސާރެވެ.
ޔައްސާރަކީ ހާދިސާ ހިނގި ދުވަހުގެ ރޭގަނޑު 12:00 ހާއިރު މއ. މާންދޫގެ ދެކުނުގޭގައި ޔުމްނުއާއި ރައުދު ހިމެނޭ ގޮތަށް އެއްކޮށް އުޅުނު ގުރޫޕުގައި ހިމެނޭ އެކަކެވެ.
ޔައްސާރުގެ އިތުރުން އެހެން އިތުރު ހަތަރު މީހަކު އުޅުނުކަމަށް ބުނި ނަމަވެސް، އާއިލާއިން އޭނާގެ ނަން ފިޔަވައި އިތުރު ބައެއްގެ ނަން ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގައި އޭރޭ އެ ދެ މީހުންނާއި އެކު އުޅުނުކަމަށް ފުލުހުން ބުނާ 8 މީހެއްގެ ޕާސްޕޯޓާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

