މޯލްޑިވްސް އެކްސްޕޯ 2025 ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
މިއީ، އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.
މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް، މި މައުރަޒަކީ ކޮންމެ އަހަރަކު އިތުރަށް ފުޅާވެގެންދާނެ މައުރަޒެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައުރަޒަކީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ މައުރަޒެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ވަނީ ރޭވިފައެވެ.
23 އިން 31 މޭ ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ދަނީ އެކި ދާއިރާތަކުގައި ދިވެހިން ކުރިއަރުވައި، ދިވެހީންގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.

