މާލޭގެ ގެއެއްގައި ބަންގްލަދޭޝް މީހަކު ރަހީނުކުރިކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތަކެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކުރީ މުޙައްމަދު އިޖުލާލް އަދި އަބްދުﷲ ޖަމީލްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން ކުރީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާ އެމީހުންގެ މައްޗަށް އުފުލީ 23 ޖޫން 2022 ވަނަ ދުވަހު މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކު އޭނާގެ ރުހުމާ ނުލައި ހިފަހައްޓާފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައެވެ. އެހެންނަމަވެސް މި ދައުވާ ކޯޓަށް ހުށަހެޅުމުން ދެމީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ޝަފަހީ ހެކިންގެ ތެރޭގައި އަނިޔާލިބުނު މީހާއާއި، ބަންގްލަދޭޝްގެ އިތުރު ރައްޔިތަކާއި، ޙާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހުންގެ އޮފިސަރުން ހިމެނެއެވެ. އެގޮތުން އަނިޔާލިބުނު މީހާ ވަނީ އޭނާ ރަހީނު ކުރިކަމަށް އެވަގުތު އެތަނަށް ދިޔަ ފުލުހުންގެ ގާތުގައިވެސް ބުނެފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވަނީ ރުހުމެއް ނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމަކީ ކުށެއް ކަމަށެވެ. އަދި ހިފެހެއްޓުންކަމަށް މާނަ ކުރެވެނީ ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށާއި، ވަކި ތަނެއްގައި އެތަނުން ބޭރަށް ނުދެވޭގޮތަށް މީހަކު ހިފެހެއްޓުމަށްކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ކުށުގެ ރުކުންތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެންމެ މުހިއްމު ހެއްކަކީ އަނިޔާލިބުނުކަމަށް ބުނާ ބަންގްލަދޭޝް މީހާއެވެ.
އެހެންނަމަވެސް، އޭނާ ޝަރީއަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ ދައުވާލިބޭ މީހުން އޭނާ ހިފަހައްޓާފައިނުވާ ކަމަށެވެ. އަދި ޝަރީއަތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އޭނާ ބުނެފައިވަނީ ދައުވާލިބޭ ދެމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ ގައިގައި އަތްވެސް ލާފައިނުވާކަމަށެވެ.
ދައުލަތުން ހުށަހެޅި އިތުރު ހެކިތަކަށް ރިއާޔަތްކުރާއިރުވެސް ދައުވާލިބޭ މީހުން އޭނާގެ ރުހުމެއް ނެތި ހިފެހެއްޓިކަމަށް ބާރުލިބިދޭ އިތުރު އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މި ކުށުގެ މަޤްސަދާ ގުޅޭ އަމަލުގެ ރުކުނާއި، ޙާލަތުގެ ރުކުން އެކަށީގެންވާ މިންވަރަކަށް ދައުލަތަށް ސާބިތުކޮށް ނުދެވޭކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކުށާ ގުޅޭ މާއްދީ ރުކުން ސާބިތުކޮށްދެވިފައިނުވާތީ، މި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

