މޯލްޑިވްސް އޮސްޓްރޭލިޔާ އެލުމްނައިއާއި އިސްރަށްވެހީންގެ ނާދިއާއެކު ކުރިއަށް ގެންދާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ”އިސްރަށްވެހީންގެ ޙައްޤުތައް“ ކިޔައިދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިސެޝަންގެ ތެރެއިން އިންސާނީ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު ވަނީ ފޯރުކޮށްދެވިފައެވެ. ވަކީން ޚާއްސަ ގޮތެއްގައި އިސްރަށްވެހިންނަށް ލިބިދޭ އެކި ޙައްޤުތަކަށް ވަނީ އަލިއަޅުވައިލެވިފައެވެ.
މި ސެޝަންވަނީ މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ނާދީގައިވެސް ކުރިއަށް ގެންދެވިފައެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސަރުކާރުން ގިނަ ސިޔާސަތުތަކެއް ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއެއް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމަނާފައިވާ ކަމެއްވެސް މެއެވެ.
އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ކެބިނެޓްގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އަދި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ އަދި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްތައް ދިނުމުގެ މަސައްކަތް ފެށުމަށް ވެސްނިންމަވާފައިވެއެވެ.

