ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފްލެޓު ލިސްޓަށް ހުށަހެޅި ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ފަހުން އާންމު ކުރި ލިސްޓަށް ލިބުނު ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަށް މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާ ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ވުޒާރާގެ ފަރާތުން ބުނީ ޝަކުވާތައް ބެލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތަކެއްވާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުނުން އައީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފްލެޓު ލިބުނުކަމުގެ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުން ޝަރުތު ހަމަނުވާއިރު ދޮގު ލިޔެކިއުންތައް ނުވަތަ ސައްހަ ނޫން ލިޔެކިއުންތައް އުފައްދައިގެން ހުށަހެޅިކަމުގެ ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ފްލެޓު ހަވާލު ކުރައްވާނީ އެންމެ އިންސާފުވެރި ގޮތަށް ބަލައިކަމަށެވެ. އަދި ކުރީ ސަރުކާރުން ގެޒެޓު ކުރި ލިސްޓާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް އޮންނަ އުސޫލުގެ ތެރެއިން ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ލިސްޓު އުނި ނުވާނެކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން މައްސަލައިގެ ތަހުގީގުތައް ކުރުމަށް ފަހު، މި ސަރުކާރުން ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 27 އިން އޭޕްރިލް 15 ގެ ނިޔަލަށެވެ. މިދިޔަ އަންގާރަ ދުވަހު ވަގުތު ހަމަވިއިރު، ލިސްޓަށް 8،602 ޝަކުވާ ހުށަހަޅާފައި ވެއެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ގެދޮރުވެރިވާ ޕޯޓަލް މެދުވެރިކޮށް 4،652 މީހުން ޝަކުވާ ހުށަހެޅި އެވެ. އަދި ހުޅުވާލާފައި ވަނީ އެއް ޝަކުވާއަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމަށްކަމަށް ވާތީ ޕޯޓަލް މެދުވެރިކޮށް ލިބުނު ޖުމްލަ ޝަކުވާގެ އަދަދަކީ 5،236 އެވެ.

މީގެއިތުރުން އީމެއިލްކޮށް 2،840 ޝަކުވާ އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ މިނިސްޓްރީއަށް ވަނީ ލިބިފަ އެވެ. އެކަމަކު އީމެއިލް ޝަކުވާތަކުން ބަލާނީ ހަމައެކަނި ލިސްޓުގައި ހިމެނޭ މީހުންނާއި ގުޅޭގޮތުން ތިންވަނަ ފަރާތަކުން ހުށަހަޅާ ޝަކުވާއެވެ.

މިނިސްޓްރީން މިހާރު ދަނީ ފްލެޓު ލިސްޓަށް ލިބުނު ހުރިހާ ޝަކުވާއެއް ވެސް ބަލަމުންނެވެ.

ސަރުކާރުން އާންމު ކުރި ލިސްޓަށް ވެސް ވަރަށް ބޮޑެތި ފާޑުކިއުންތައް އައެވެ. އެކަމަކު އެއަށް ރައްދު ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ ނުފޫޒެއް ނޯންނާނެކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ މިފަދަ އެއްވެސް ނުފޫޒަކާއި ނުލައި ލިސްޓު އާންމު ކުރި ފުރަތަމަ ސަރުކާރަށް ވާނެކަމަށެވެ.

ރައީސް ވިދާޅުވީ ލިސްޓު އާންމުކޮށްފައި ވަނީ އޭސީސީ ބަލަން ޖެހޭ ކަންކަން ބަލައި، ގެދޮރުވެރިޔާ ސްކީމްގެ ޝަރުތުތަކާއި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ ލިސްޓުގައި ނަން ކުރިން އޮވެ، މިހާރު އުނިވެފައިވާނަމަ އެ ސަބަބު އެނގެން އޮންނާނެކަމަށެވެ.

ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިވެގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: