މިހާތަނަށް ފަތުރުވެރިން އައި އަދަދުތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގައިކަމަށް ޓުއަރިޒަަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފަތުރުވެރިން އައި އަދަދުތައް 17.8 އިންސައްތަ އިތުރުކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ އޭޕްރިލް މަހު 168،366 ފަތުރުވެރިން އައިއިރު މި އަހަރު 198،322 ފަތުރުވެރިން އައިސްފައިވެއެވެ. މި އަހަރުގެ މިހާތަނަށް ހިނގި މުއްދަތުގެ ތެރޭގައި ޖުމުލަ 923،390 ފަތުރުވެރިން އައިސްފައިވާއިރު މިއީ ނިމިދިޔަ އަހަރަށްވުރެ 8 އިންސައްތަ އިތުރު އަދަދެކެވެ.
މޭ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އައި ފަތުރުވެރިންގެ ތެރެއިން 71.2 އިންސައްތަ މީހުން އައިސްފައިވަނީ ރިސޯޓުތަކަށެވެ. ގެސްޓް ހައުސްތަކަށް އައިސްފައިވަނީ 23.3 އިންސައްތަކަމަށްވާއިރު 2.9 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ހޮޓެލްތަކަށެވެ. 2.5 އިންސައްތަ ޒިޔާރަތްކުރީ ސަފާރީތަކަށެވެ.
މިވަގުތު 19 އަތޮޅެއްގެ 175 ރަށެއްގައި ހިންގަމުދާ ރިސޯޓުތަކުގައި 43،313 އެނދު އޮޕަރޭޝަނަލް ހާލަތުގައި ހުރިކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި 20 އަތޮޅެއްގެ 113 ރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކުގައި 14،340 އެނދު އޮޕަރޭޝަނަލް ހާލަތުގައި ހުރިކަމަށްވެް ހިއްސާކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާ މާކެޓުންނެވެ. ދެވަނަ އަށް އެންމެ ވަރުގަދަ މާކެޓެއްގެ ގޮތުގައި ފެނިގެންދަނީ ރަޝިއާ މާކެޓުކަމަށްވާއިރު ތިންވަނައިގައި އޮތީ ޔޫކޭ މާކެޓެވެ.

