އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުނަރުވެރިންގެ އުފެއްދުންތެރިކަމަށް ޖާގަ ތަނަވަސްކޮށްދިނުމަކީ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ހުނަރުވެރިކަމަށް ފުރުސަތު ފަހިކޮށްދޭންޖެހޭކަމަށާއި އެއީ މެނިފެސްޓޯގައިވެސް ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.
އެގޮތުން ފުރިހަމަ ޕޭމަންޓު ގޭޓްވޭ ނިޒާމެއް ގާއިމުކޮށްދިނުމާއި ސެލާރ އެކައުންޓުތައް އުފައްދައިދިނުުމުގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްގެ ތެރެއިން އުފެއްދުންތައް ވިއްކުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކަށާއި ރާއްޖޭގެ އެތެރޭގައިވެސް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކި ކަހަލަ ހުނަރުތަކާއި އެކި ބާވަތްތަކުގެ އުފެއްދުންތައްވެސް މައުރަޒުން ފެނިގެންދާކަމަށާއި އެހެންކަމުން އެކި ކަހަލަ ފުރުސަތުތައް ހޯދައިދޭންޖެހޭކަމަށް އިޝާރާތްކުރެއްވިއިރު މިހާރު ހުރި ފުރުސަތުތައްވެސް އިތުރުކޮށްދިނުން މުހިންމުކަމަށް އަލިއެޅުއްވިއެވެ. ރައީސް ވިދާޅުވީ، އެއަރޕޯޓުގައިވެސް ކޮންމެވެސް ވަރަކަށް ފުރުސަތުތައް ހުރިކަމަށާއި އޮތެންޓިކް މޯލްޑިވްސް ޕްލެޓްފޯމް އޮތްއިރު އެފަދަ ފުރުސަތުތައް މިހާރަށްވުރެ ފުޅާކުރުމަށް ގަސްތުކުރައްވާކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ހުރިހާ އުފެއްދުންތެރިންވެސް ބޭނުންވާނެ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި އެހެންކަމުން އެ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ، އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ރާވައި އިންތިޒާމުވެގެން ކަނޑައެޅުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުއަށް ދަންނަވާފައިވާނެކަމަށެވެ. އަދި އެކަމަކީ ކްރިއޭޓިވް އިކޮނޮމީއަކީ ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަށް ހެދުން ފަދަ ވައުދުތައް ފުއްދުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުޅި އަހަރު ތެރޭގައި ބަހާލެވިގެން އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ހިންގި ސަރުކާރާއި އުފެއްދުންތެރިން ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދެވިއްޖެ ހާލަތެއްގައި ކާމިޔާބުތަކެއް ލިބިގެންދާނެކަމަށާއި އެހެންކަމުން އެކަން ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާކަމަށެވެ. އަދި އަންނަ އަހަރަށް ބަޖެޓު ހަދާއިރު އައު ސިޔާސަތުތަކުގެ ތެރޭގައި ހިމަނަން ޖެހޭ ކަންކަން ފާޙަގަކުރެވިގެންދާނެކަމަށާއި އެހެންކަމުން ގައުމާއި އަމިއްލަ މުއްސަނދިކަންވެސް ހާސިލުކުރުމަށްޓަކައި އުފެއްދުންތެރިންނާއިއެކު މަސައްކަތްކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަން ހިއްސާކުރައްވާކަމަށް ވިދާޅުވިއެވެ.

