ރަޝިއާ އަދި ޔޫކްރެއިން ދެމެދު ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައިވާ ގައިދީން ބަދަލުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ރަޝިއާ އަދި ޔޫކްރެއިން އިންވަނީ ދެ ގައުމުގެ ދެމެދު އެތައް ސަތޭކަ ގައިދީންނެއް ބަދަލުކޮށްފައެވެ. އަދި މިއީ ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވަމުން އައުމަށްފަހު ފާހަގަކުރެވުނު މުހިންމު ދުވަހެއްކަމަށް ބުނެފައިވެއެވެ.
މި މަސައްކަތްތައް ކުރެވިގެން އައިސްފައިވަނީ ރަޝިއާއިން ޔޫކްރެއިނަށް ޑްރޯނާއި މިސައިލުތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށެވެ. މި ހަމަލާގައި ކީވް ސަރަހައްދުން 3 މީހަކު ނިޔާވެފައިވާކަމަށް ޔޫކްރެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަދި ރަޝިއާގެ ޑިފެންސް މިނިސްޓްރީންވެސް ކަށަވަރުކޮށްދީފައިވާގޮތުން ކޮންމެ ފަރާތަކުންވެސްވަނީ ގައިދީންގެ ގޮތުގައި ތިބި 307 ސިފައިން އަނބުރާ ގައުމަށް ގެނެސްފައެވެ. އަދި މީގެ ދުވަހެއް ކުރިން ކޮންމެ ގައުމަކުންވެސް ސިފައިންނާއި އާންމުން ހިމެނޭހެން 390 މީހުން މިނިވަންކުރިކަންވެސް ނޫސްތަކުން ފާހަގަކުރާއިރު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރު ރަހީނުންވެސް މިނިވަންކުރަން ކަނޑައެޅިފައިވުމުން މިއީ ވޭދުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން މިނިވަންކުރާ ފުރުސަތަށް ވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
ސޯޝަލްމީޑިއާ މެދުވެރިކޮށް ޔޫކްރެއިންގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ، އިތުރު ރައްޔިތުންވެސް އަނބުރާ ގައުމަށް ގެނެވުމަށް އުންމީދުކުރައްވާކަމަށެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީންވެސްވަނީ މިގޮތުގެ މަތިން ރަހީނުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުންމީދުކުރެވޭކަން ހާމަކޮށްފައެވެ. ނަމަވެސް އިތުރު ތަފްސީލުތަކެއް ހިއްސާކޮށްފައިނުވެއެވެ.
މި މުއާމަލާތްތައް ކުރިއަށް ގެންދިއުމާއި ގާތްވެފައިވަނިކޮށް ޔޫކްރެއިން ސަރަހައްދުން ބާރުގަދަ ގޮވުންތަކާއި ވައިގެ ހަމަލާއަކުން ދިފާއުވުމަށް ބަޑިޖަހާ އަޑުތައްވެސް އިވިގެންދިޔަކަމަށް ރިޕޯޓުތަކުގައިވެއެވެ. މީގެ ދުވަސްތަކެއް ކުރިން ދެ ގައުމުންވެސްވަނީ 2022 ވަނަ އަހަރުގައި ރަޝިއާއިން ޔޫކްރެއިން ހިފުމަށް ފެށި މަސައްކަތްތަކަށް ފަހު ފުރަތަމަ ފަހަރަށް ބައްދަލުވެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުން އޮތީ އިސްތަންބުލްގައެވެ. ދެ ގައުމުންވެސްވަނީ މަޝްވަރާތަކަށްފަހު 1000 ސިފައިން ބަދަލުކުރުމަށް އެއްބަސްވެފައެވެ.

