ޣައްޒާގައި އަސާސީ މުދާ ފޯރުކޮށްދިނުމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ އުސޫލުތަކަށް ބަދަލުތަކެއް އައިސްދާނެކަމުގެ އިޝާރާތްތަކެއް ފެންނަމުންދާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ނޫސްތަކުން ބުނާގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރު ކުރިމަތިވަމުންދިއުމުގެ ސަބަބުން އިސްރާއީލުން ޣައްޒާ ސަރަހައްދުން ހިސާރުކޮށްގެން ތިބުމުގައި ގެންގުޅެމުންދާ އުސޫލުތަކަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތްކަމަށް ފެނިގެންދާކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ކާބޯތަކެތި ނޫން އެހެނިހެން މުދާ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުން އެކަށީގެންވާކަމަށާއި ކެއިން ބުއިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެމެރިކާއިން އަލަށް އުފައްދާފައިވާ ޖަމާއަތަކަށް ދިނުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. މި ގޮތަށް ރިޕޯޓޫކޮށްފައިވަނީ މަގުބޫލު ނޫހެއްކަމަށްވާ އެސޯސިއޭޓެޑް ޕްރެސްއަށް ލިބިފައިވާ ސިޓީއަކަށް ރިއާޔަތްކޮށެވެ.
އެހެންކަމުން ވޭތުވެދިޔަ ދުވަސްތަކުގައި ޣައްޒާ ސަރަހައްދަށް އެހީ ދެމުން އައި އުސޫލުތަކަށް ބަދަލު ގެނުވި ހަރުކަށި ފިޔަވަޅުތަކުން ފަހަތަށް ޖެހި ކޮންމެވެސް ވަރަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ގަބޫލުކުރެވޭކަމަށާއި އިސްރާއީލުންވަނީ ހަމާސްއިން އދގެ އެހީއިން ބައެއް އެ ޖަމާއަތުގެ ބޭނުންތަކަށް ނަގަމުންދާކަމުގެ ތުހުމަތުތައް ކޮށްފައިކަންވެސް ފާހަގަކުރެއެވެ. ނަމަވެސް އދއިންވަނީ އެކަން ދޮގުކޮށް ފާހަގަކުރެވޭ ވަރުގެ ގެއްލުންތަކެއް މުދަލުގެ އަދަދުން ފެނިގެން ނުދާކަމަށް ބުނެފައެވެ. އަދި އދއިންވަނީ އެހެން ޖަމާއަތަކަށް ކެއިން ބުއިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަވާލުކުރުމަށްވެސް ދެކޮޅު ހަދާފައެވެ. ސަބަބަކީ އެކަމުގެ ސަބަބުން ބަނޑުހައިހޫނުކަންވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން އެ ގައުމަށް ފުރުސަތު ލިބިގެންދިއުންކަމަށް ބުނެފައިވެއެވެ.
އިސްރާއީލުންވަނީ ވޭދުވެދިޔަ ތިން މަސް ދުވަހު ޣައްޒާ ސަރަހައްދަށް ހުރިހާ މުއްދަލެއް ވެއްދުން ހުއްޓުވާލާފައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންގެ ހާލަތު ގޯސްވެފައިވާއިރު ބަނޑުހައިހޫނުކަން ތަހައްމަލުކުރަން ޖެހި ގިނަ އަދަދެއްގެ މީހުން ނިޔާވުމުގެ ފުރުސަތު ކުރިމަތިވެފައިވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

